ލ.އަތޮޅު ގަމާއި ފޮނަދޫގައި ކޮވިޑް-19 ފެތުރިފައި އޮތްތޯ ބަލަން ވަކިތަރުތީބެއް ނެތި ސުންކު (ރެންޑަމް ސާމްޕަލް) ނެގުން މިއަދު ކުރިއަށް ގެންދާނެ ކަމަށް އެދެރަށުގެ ކައުންސިލުން މައުލޫމާތު ދީފިއެވެ.

ފޮނަދޫން 125 ސުންކު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 10 ސުންކު، ކެފޭ ރެސްޓޯރެންޓްތަކުން ހަތް ސުންކު، ފިހާރަތަކުން 10 ސުންކު، ރަށުގައި ތިބި ބިދޭސީންގެ 15 ސުންކު، ބޯޓުތަކުގައި ތިން ސުންކު، ޓެކްސީ ޑްރައިވަރުންގެ ތެރެއިން ފަސް ސުންކު އަދި އެ ރަށުގެ އެކި ގެތަކުން 70 ސުންކު އެވެ.

ގަމުން 276 ސުންކު ތަރުތީބެއް ނެތި ނަގަން ވަނީ ނިންމާފައެވެ. އެއީ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 20 ސުންކު، ކެފޭ ރެސްޓޯރެންޓްތަކުން 10 ސުންކު، ފިހާރަތަކުން 10 ސުންކު، ޑައިވިން ސެންޓަރުތަކުން ތިން ސުންކު، ރަށުގައި ތިބި ބިދޭސީންގެ 20 ސުންކު، ބޯޓުތަކުގައި ތިން ސުންކު، ޓެކްސީ ޑްރައިވަރުންގެ ތެރެއިން 10 ސުންކު އަދި އެ ރަށުގެ އެކި ގެތަކުން 200 ސުންކު އެވެ.

ހޮނިހިރު ދުވަހު ފޮނަދޫން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ގަމާއި ފޮނަދުއަށް އަރައި ފޭބުން މަނާކޮށް އެދެރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) މީހުން ދެނެގަނެ މިހާރު އެމީހުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ނަމަވެސް ގަމާއި ފޮނަދޫގެ މޮނިޓަރިން އުވާލުމަށް ނިންމާފައި ވަނީ މިއަދު ތަރުތީބެއް ނެގި ނަގާ ސުންކުތަކުގެ ނަތީޖާ ލިބުމުންނެވެ.

ފޮނަދޫން ހޮނިހިރު ދުވަހު ކޮވިޑް-19 އަށް ފައްސިވީ ގއ.ދެއްވަދޫން ފޮނަދުއަށް ދިޔަ އާއިލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އަޅުގަނޑު މެންގެ ރަށާއި ، މި ޤައުމު މި ނުރައްކާތެރި ބަލި މަޑުކަމުން ސަލާމަތްކުރައްވާ ރައްކާތެރި ކުރައްވާށި " އާމީން "

    11