މޫސުން ގޯސްވުމުގެ ސަބަބުން ބ.މާޅޮހަށް ބޮޑެތި ގެެއްލުންތަކެއް ލިބިއްޖެއެވެ.

"ވަގުތަށް" މައުލޫމާތު ދެއްވަމުން މާޅޮހު ކައުންސިލްގެެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ރޭ ދަންވަރު ދެެއަކުން ފަށައިގެން ހުއްޓާނުލާ އަދިވެސް އެރަށަށް ވާރޭވެހެެމުން އަންނަ ކަމަށެެވެ.

މިހާތަނަށް އެރަށުގެ 12 ގެެއަށް ގެެއްލުން ލިބިފައިވާ ކަމަށް ވެއެެވެެ. ޝުޖާއު ވިދާޅުވީ ގެއްލުން ލިބިފައިވާ 12 ގެެގޭވެސް ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ފެނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ގޭގޭގެ މީހުން ނޫޅެވޭ ވަރަށް ފެންވަދެ މިހާރު ގެއްލުން ލިބިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެެ.

"މި 12 ގޭގެ ތެެރެއިން ގިނަ ގޭގެއަށް ވަނީ މީހުން ނޫޅެެވޭ ވަރަށް ބޮޑެތި ގެެއްލުންތަކެއް ލިބިފައި. އެގޮތުން ގޭތެރޭގައި ހުރި ކަރަންޓު ސާމާނު، އައިސްއަލަމާރި ފަދަ ތަކެއްޗަށް ވަރަށް ބޮޑަށް ވަނީ ފެނުގެެ އަސަރުކޮށް ގެއްލުން ލިބިފައި" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މި ގެތަކަށް ބޮޑަށް ފެނުގެ އަސަރުކޮށްފައި ވަނީ އަޑިން ފެން އެރުމުގެ ސަބަބުން ކަމަށެވެ. އަޑިން ފެން އެރުމުގެ ސަބަބުން އެ ގެތަކުގެ ފާހާނައިގެ ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ވީނަމަވެސް އަދި އެއްވެސް ގެއަކުން މީހުން ބަދަލުކުރެވޭ ފަދަ ހާލަތަކަށް އައިސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެެވެ.

މިހާރު ރަށުގެ ރައްޔިތުންނާއި ކައުންސިލް އިދާރާއިން އަންނަނީ ފެން ވަންނަމުން އަންނަ ގޭގޭގައި ވެލި ބަސްތާ ޖައްސަމުން ކަމަށް ޝުޖާއު ވިދާޅުވިއެވެެ. ޝުޖާއު ވިދާޅުވީ އެެމްއެންޑީއެެފް އަދި އަތޮޅު ކައުންސިލަށްވެސް މިކަން މިހާރު ވާނީ ރިޕޯޓުކޮށްފައި ކަމަށެވެެ. އަދި އެރަށަށް އެމްއެންޑީއެފް އިން ގޮސްފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާޅޮހަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.