ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށް ކޮންމެ ދެ އަހަރަކުން ދެވޭ ސްޓެޕް އެލަވަންސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖެއްސި ނަމަވެސް އެލެވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ނުލިބުނު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު އާއްމުކުރި ސާކިއުލާއެއްގައި ވިދާޅުވީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރެވި، އެނިޒާމުގެ ތެރެއިން %70 އަށްވުރެ މަތިން މާކްސް ޙާޞިލް ކުރައްވާ ފަރާތްތަކަށް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން ދެމުން ގެންދިޔަ -/200 (ދުއިސައްތަ ރުފިޔާ) ގެ މުސާރައިގެ އިންކްރިމެންޓް 2015 އަދި 2016 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހަމަޖެއްސިފައިވާއިރު، 2017 އަދި 2018 ވަނަ އަހަރުގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށް ދެންޖެހޭ މުސާރައިގެ އިންކްރިމެންޓް 01 އޮކްޓޯބަރު 2019 ގައި ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކުރަންޖެހޭ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެއްސި ކަމަށެވެ.

ނަމަވެސް އެލަވަންސް މުވައްޒަފުންނަށް ދޫކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއިން ނަގަންޖެހޭ ހުއްދަ ހޯދުމަށް ހުށަހެޅުމުން ދައުލަތުގެ މުސާރަ އެއް ހަމަކުރުމަށް ޕޭ ރިވިއު ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަވާ ދަނޑިވަޅެއްގައި މުވައްޒަފުންގެ މުސާރައަށް އިތުރު ބަދަލެއް އަދި އެލަވަންސެއް ހަމަޖައްސައި ދިނުމަށް ދަތިވާ ކަން ފާހަގަކުރައްވައި އެހުއްދަ ދެއްވާފައި ނުވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައި ނުވާތީ ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ސްޓެޕް އެލަވަންސް ހަމަޖެއްސިފައި ނުވާކަމަށާއި ނަމަވެސް މިއެލަވަންސް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން ގެންދާކަމަށް ސާކިއުލާގައި ވިދާޅުވިއެވެ.

ޕޭ ރިވިއު ކޮމިޝަނުން މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މުވައްޒަފުންގެ މުސާރައިގެ ފަރަގުގެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުބީނު

    ހަތަރުކަޅި ހަމަނުކޮށް ސަލާން ކުރޭތަ ؟ އަވި އައިނުއަޅައިގެން 4 ކަޅި ހަމައެއް ނުވާނެ. މިވަރު ނޭންގޭ މިނިސްޓަރުން ގޭގަ ތިބީމަވީނު.

  2. ބެއްޔާ

    ޝަރުޢީދާއިރާ އިންސާފުވެރިވާނެވަރު އަންދާޒާކޮއްލާ. އެމްޑީޕީ ބުނާގޮތުން ޝަރުޢީދާއިރާ މިނިވަންވެ އިންސާފުވެރިވެއްޖެ. މުވައްޒަފުންނަށް ބޭއިންސާުފުވެގެން ރައްޔިތުންނަށް އިންސާފު ލިބޭނެކަމަކަށް ނުދެކެން.