ފްރާންސްގެ ފުޓުބޯޅަ އިދާރާގެ ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ، ފްރާންސްގެ ގައުމީ ޓީމުގެ ސްކޮޑަށް ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ އަނބުރާ ގެންނާނޭ ކަމަށް އެއިދާރާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ މެޗެލް މޫލިން ބުނެފިއެވެ.

ފްރާންސްގެ މީޑިއާއަކަށް ދިން އިންޓަވިއު އެއްގައި މޫލިން ބުނީ ބެންޒެމާ ސްކޮޑުން ބޭރުކޮށްފައިވަނީ އެއްވެސް ހައްގަކާއި ނުލާކަމަށާއި އޭނާއަށް މަގާމު ލިބިއްޖެ ނަމަ އަލުން ބެންޒެމާއަށް އޭނާގެ ހައްގު ޖާގަ ދޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ފްރާންސްގެ ފުޓުބޯޅަ އިދާރާގެ ރައީސްގެ ހައިސިއްޔަތުން އެއިދާރާގެ މުވައްޒަފެއްގެ ގޮތުގައި ހުރި ފްރާންސްގެ ކޯޗަށް އަންގާނޭ ކަމަށްވެސް މޫލިން ވަނީ ބުނެފައެވެ.

ބެންޒެމާ ފްރާންސްގެ ސްކޮޑުން ބާކީކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ސްކޮޑުން ބާކީކުރީ ފްރާންސްގެ މިޑްފީލްޑަރު މެތިއު ވެލްބުއޭނާގެ އޮރިއާން ކާޑު އުފައްދާ އޭގެ ބޭނުންހިފާ އޭނާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް މިމައްސަލަ ބެންޒީމާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ބެންޒެމާގެ ވަކީލް ސިލްވެއިން ކޯމިއާ ބުނީ މި މައްސަލައިގައި ބެންޒެމާ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށާއި ބެންޒީމާ މަސައްކަތް ކުރަމުންދިޔައީ އޭނާއާއި އެއްޓީމަކަށް ކުޅެމުން އަންނަ ކުޅުންތެރިއަކު މި ބިރުވެރި ކަމުން ސަލާމަތް ކުރުމަށް ކަމުގައެވެ. އެހެންނަމަވެސް ވެލްބުއޭނާ އާއި އޭނާގެ ވަކީލް މަސައްކަތް ކުރަމުންދަނީ މިހުރިހާ ކަމެއް އެނގިހުރެ ބެންޒެމާގެ އަބުރު ކަތިލުމަށް ކަމަށްވެސް ސިލްވެއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އޭނާ އަންނަނީ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދައްކާ އެޓީމުން ހޯދަމުންދާ ކާމިޔާބީ ތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ. ހާއްސަ ގޮތެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވިފަހުން ރެއާލްގެ ފޯވަޑް ލައިނުގައި އެންމެ އިސް ރޯލެއް އަދާކުރަނީ ބެންޒެމާއެވެ.