މާލިިއްޔަތު ގަވާއިދާއި ހިލާފަށް އެޑްވާންސް ފައިސާގެ ގޮތުގައި އައިޖީއެމްއެޗުން 13 މިލިއަން ރުފިޔާ ސިވެކްއަށް ދެއްކި ކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ސިވެކް އަކީ ސިފައިންގެ ވެލްފެއާ ކުންފުންޏެވެ.

2018 ވަނަ އަހަރުގެ އައިޖީއެމްއެޗްގެ އޮޑިޓް ރިޕޯޓުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ހިނގާފައިވާ އެތައް ކަމެއް ވަނީ ފާހަގަކޮށްފައެވެ. ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓް ގަތުމަށާއި، އައި.ޖީ.އެމް.އެޗްގެ އެމަރޖެންސީ ޑިޕާޓްމަންޓްގެ ގްރީން ޒޯންގެ އިންޓީރިއަރ އަދި ފަރނިޝް ކުރުމުގެ މަސައްކަތާއި ގުޅިގެން އެޑްވާންސް ފައިސާގެ ގޮތުގައި ގާނޫނާއި ހިލާފަށް 13,167,019 (ތޭރަ މިލިއަން އެއް ލައްކަ ފަސްދޮޅަސް ހަތް ހާސް ނަވާރަ ރުފިޔާ) ރުފިޔާ ސިވެކް އަށް ދައްކާފައިފައިވާކަން ބަޔާންކޮށްފައިވެއެވެ.

މާލިއްޔަތު ގަވައިދުގައި ވާގޮތުން މަސައްކަތުގެ ނުވަތަ ޚިދުމަތުގެ ބީލަމުގެ ޖުމުލަ އަގު 250,000 ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނަމަ، މަސައްކަތް ނުވަތަ ޚިދުމަތް ދިނުމަށް ހަވާލުވާ ފަރާތުން، ހަވާލުވާތާ 45 ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، ޖުމުލަ އަގުގެ %15 އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޫކުރެވިދާނެއެވެ.

ނަމަވެސް އައިޖީއެމްއެޗްއިން ވަނީ މި ގަވާއިދާއި ހިލާފަށް ޖުމުލަ އަގުގެ %15 އަށްވުރެ ބޮޑު އަދަދެއް އެޑްވާސްގެ ގޮތުގައި ދައްކާފައެވެ.

މި މައްސަލާއިގެ އިތުރުން މުދާ ބަލާގަތުމުގައިވެސް އައިޖީއެމްއެޗްއިން އަމަލުކޮށްފައި ވަނީ ގަވާއިދާއި ހިލާފަށްކަން ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓަށް ހޯދާފައިވާ ތަކެތީގެ ތެރެއިން މުދާ ހަމައަށް އަދި ރަނގަޅަށް ހުރިތޯ ނުބަލައި ޖުމުލަ 1,985,852 (އެއް މިލިއަން ނުވަ ލައްކަ އަށްޑިހަ ފަސް ހާސް އަށްސަތޭކަ ފަންސާސް ދެ) ރުފިޔާގެ ތަކެއްޗަށް ފައިސާ ދައްކާފައިވާކަމަށް އޯޑިޓް ރިޕޯޓްގައި ވިދާޅުވެފައިވެއެވެ.

އޮޑިޓުގައިވާ ގޮތުން ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ހޯދުމަށް އައި.ޖީ.އެމް.އެޗް އާއި ސިވެކް އާއި ދެމެދުވެފައިވާ އެއްބަސްވުމުގައި އިކުއިޕްމަންޓްތަކާއި މެޝިނަރީސް އަދި ފަރުނީޗަރުގެ ތަފްސީލު ފުރިހަމައަށް ބަޔާންކޮށްފަ އެއް ނުވެއެވެ. އަދި ފަރުނީޗަރުތައް ހޯދުމަށް ޖުމުލަ 25,329,422 (ފަންސަވީސް މިލިއަން ތިން ލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ ބާވީސް) ރުފިޔާ ހަރަދުކޮށްފައި ވަނީ އައި.ޖީ.އެމް.އެޗް އިން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފެންވަރުގެ ތަކެތިކަން ކަށަވަރު ނުކޮށް ކަމަށްވެސް ވެއެވެ. އޭގެ ސަބަބުން އެތަކެތި އޮޕަރޭޓްކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި އެ އިކުއިޕްމަންޓާއި މެޝިނަރީސް ނުލިބެ، ޖުމުލަ 4,037,682 (ހަތަރު މިލިއަން ތިރީސް ހަތް ހާސް ހަސަތޭކަ އަށްޑިހަ ދެ ރުފިޔާ) ރުފިޔާގެ ތަކެތި ބޭނުން ނުހިފި ގިނަ ދުވަސްވެފައިވާކަންވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯމިޔޯ

    ދެން މިކަންވެސް އޯކޭތަ؟ކޮނުނު ކޮނުނުހެން ފަސްގިނަވާނެ.ޒީރޯ ޓްލަރެންސްގަ މިކަހަލަކަންތައް ހުންނާނެ.ކައުންސިލް އިންތިހާބުގަވެސް މޮޅުވާހަކައެއްދައްކައިގެން ވޯޓް ލިބޭތޯ ބަލާތި.ދެން މިސަރުކާރަށް ވޯޓް ދޭނީ ހޭނައްތާފަ.މިވަރުގެ ނުބައި ނުލަފާ ޚުދުމުޚުތާރު ސަރުކާރެއް އަދި ނުދެކެން.ޔާމީން ސަރުކާރު ނުވޭ އެއްޗަކަށް.

  2. ތަނބު

    އައި ޖީ އެމް އެޗް ގެ އޮޑިޓް ރިޕޯޓް ކަން އެނގޭ ކޮން އަހަރެއްގެ ރިޕޯރޓް އެއްކަމެއް ނޭންގޭ ވީމާ، ޚަބަރު ބިނާވެފައިވަނީ ކިޔާމީހުން އިތުރު މަޢްލޫމާތު ހޯދައިންގެން ޚަބަރު ފުރިހަމަ ކުރަން މިކަމަށް ދުވަސް ކޮޅެއް ނަގާފާނެ، އެހެން ނޫނީ އިންފޮމޭޝަން ކޮމިސަނަރާ ހަމައަށް ދާންޖެހޭނީ ދެއްތޯ؟