ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ބާއްވާ ޖަލްސާ މާދަމާ ރެއަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އާންމު ކުރި މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތް ގޮތުން ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.

އެ އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވެއެވެ. ބިލްގެ އިބްތިދާއީ ބަހުސް ފަށާނީ އެހެން ޖަލްސާއެއްގައެވެ.

ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއާއި ކޮމިޓީއެއްގައި ބިލު ދިރާސާކުރުމުގެ މަރުހަލާއާއި ކޮމިޓީއިން އެކުލަވާލާ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާއަށް ވެސް މަޖިލީހުގެ އިތުރު ޖަލްސާތަކެއް ދައުރުން ބޭރު ގެންދާނެ ކަމަށް ބެލެވެއެވެ.

ވަގުތީ ގާނޫނު އޮތް ގޮތުން އިންތިހާބު ބޭއްވޭނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިދޭ ގޮތަށެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެނެވެ. ދެން އެ އިންތިހާބު ބާއްވަން މަސައްކަތް ކުރީ މި އަހަރު މާޗު މަހަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގުދަންމާލުމުން އެ މަހު އިންތިހާބު ނުބޭއްވުނީއެވެ.

އީސީއިން މިހާރު ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އެ ތާރީހަށް ވެސް އިންތިހާބު ބޭއްވީ ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ފެބްރުއަރީ މަސް އައުމުގެ ކުރިން ވަގުތީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު މަޖިލީހުން ފާސްކުރުމުން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.