ގދ. އަތޮޅު ފަޅު ރަށެއް ކަމުގައިވާ، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލުމުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލީ ދެ ދައުވާ ކުރަން ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށް ބުނެއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި އެ ކަން ސިފަކުރެއްވީ އިހުމާލެއްގެ ގޮތުގައެވެ. އެ އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން އެ މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާދީކުރުވުމަށް އެ މައްސަލަ އެ ކޮމިޓީއަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މި ވަގުތު އޮތީ ޗުއްޓީގައެވެ. އެކަމަކު ކުއްލިއަށް ދިމާވާ ކަންކަން ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީތަކުން ބައްދަލުވުންތައް ބާއްވައެވެ. މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

ގދ. ހުޅުވާރުލުމުގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެންމެ ފުރަތަމަ ދައުވާކޮށް މި މައްސަލަތައް ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން ދައުވާތައް ބޭރުކޮށްލީ އެ މައްސަލަ ހުށަހަޅަން ޖެހޭޏީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެއެވެ.

ގދ. އަތޮޅުގެ އެ ފަޅު ރަށުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސްއެވެ. އެ ތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާގެ އަރައެވެ.