(ފުވައްމުލައް ސިޓީ) މިދިޔަ ހޮނިހިރު ދުވަހު ދެ ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ނިޔާވި ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި ތިން ދުވަހަށް އެ ސްކޫލްގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.

ފުވައްމުލަކު ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައުޒާންގެ ހަނދާނުގައި މިދިޔަ ތިން ދުވަހަށް އެ ސްކޫލްގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ.

ފައުޒާން ވަކިވެގެން ދިއުމުން އޭނާއާ އެކު ކިޔަވަމުން އައި ދަރިވަރުންނަށް ވެސް އަސަރުކޮށްފައިވެއެވެ. އޭނާގެ ކްލާހުގެ ކުދިން ކިޔަވަމުން ދިޔަ ކްލާސް ވެސް ބަދަލުކޮށްފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައުޒާންގެ ވަރަށް ގާތް އެކުވެރިންގެ ގޮތުގައި ތިބި ބައެއް ދަރިވަރުންނަށް ކައުންސެލިން ދީފައިވެއެވެ. ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އެ ހާދިސާގެ ސަބަބުން ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. ސްކޫލްގެ އެސެމްބްލީ ވެސް ބާއްވަން ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒާންއަކީ ފުވައްމުލަކު ސްކޫލްގެ ވަރަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެތްލެޓިކްސްގައި ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އަދި ސްކައުޓް ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައިވާ ދަރިވަރެކެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހޮނިހިރު ދުވަހުގެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފައުޒާން ގެނބުނީ އޭރު އެ ސަރަހައްދުން އޮޔާ ދިޔަ ދެކުއްޖަކު ސަލާމަތްކޮށްދިން ފަހުންނެވެ.

ފައުޒާން ގެނބުނު ސަރަހައްދަކީ މީގެ ކުރިން އެފަދަ ހާދިސާތަކެއް ހިނގަފައިވާ ސަރަހައްދެކެވެ. މީގެ ކުރިން އެ ސަރަަހައްދުން ޕާކިސްތާނުގެ ޑޮކްޓަރެއްވެސް ވަނީ ގެއްލިފައެވެ. އޭގެ އިތުރުން ވެސް އެތައް ބަޔަކު އެސަރަހައްދަށް މޫދަށް އެރި އުޅެނިކޮށާއި އެދިމާލުން ރަށަށް އަރަން އުޅެނިކޮށް ބޮއްކުރާ ބަންޑުން ޖަހާލުން ފަދަ ހާދިސާ ތަކުގައި ނިޔާވެފައި ވެއެވެ.

"މާނޭރާ" ސަރަހައްދަކީ ކުރިން އެރަށު ބަނދަރު ނަހަދާއިރު ރަށަށް ލަފަން އޮންނަ ނެރެވެ.