ލ. ފޮނަދޫން ފައްސިވި ކުދިންގެ މަންމަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގައި މާލޭގައި ހުރި ބައްޕަ ކުދިން ބަލަން ރަށަށް އަތުވެއްޖެ އެވެ.

ފޮނަދޫން މިދި ހޮނިހިރު ދުވަހު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަންމައަކާއި އޭނާގެ ތިން ދަރިންނެވެ. މި ހަތަރުމީހުންނަކީ މިހާރު ގިނަބަޔަކު ފައްސިވަމުންދާ، ގއ. ދެއްވަދޫން އެރަށަށް ދިޔަ، އެރަށު ބައެކެވެ.

މި މީހުންނަކީ ކަރަންޓީންގައި ތިބި ބަޔަކަށް ނުވުމުން މިހާރު އެރަށާއި، އެ އަތޮޅު ގަން، ވަނީ ކަރަންޓީންކޮށްފައެވެ.

ފޮނަދޫ ކައުންސިލްގެ ޑައިރެކްޓަރ ފާތުމަތި ޒައީމާ ވިދާޅުވީ، ފައްސިވި މީހުންގެ ތެރެއިން އަންހެން މީހާއަކީ ހިރާސް ބޮޑު މީހެއްކަމުން އޭނާއަށް ފަރުވާދިނުމަށް ގަމުގެ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ކުދިން ގޭގައި އެކަނި ތިބުމުން، މާލޭގައި ހުންނަ އެ ކުދިންގެ ބައްޕަ މިހާރު ރަށަށް ގެނެސްފައިވާ ކަމަށް ޒައީމާ ވިދާޅުވިއެވެ.

އެ ކުދިންގެ ބައްޕަ ރަށަށް އައިސްފައި ވަނީ ބޯޓުންނެވެ. އެ ބޯޓު މިހާރު އޮތީ ފޮނަދޫ ބަނދަރުގައެވެ. އެ ބޯޓު ކަރަންޓީންފައި ކޮށްފައިވާއިރު، އޭގަައި ހަ މީހަކު މިހާރު އެބަ ތިއްބެވެ.

އެރަށު ކައުންސިލް ރަައީސް އަހުމަދު ރިޔާޒް ވިދާޅުވީ، އެ ކުދިން ބަލަން ބައްޕަ ގަންނަން ޖެހުނީ އެ ކުދިން ބަލާނެ އިތުރު މީހަކު ނުވެގެން ކަމަށާއި، އެ ކުދިންގެ އާއިލާގެ ގިނަ މީހުން ތިބީ ކަރަންޓީންގައި ކަމަށެވެ.

އަދި އޭނާ ވަނީ ރަށުގެ އާއްމު ހާލަތު ރަނގަޅުކަންވެސް ހާމަކޮށްފައެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރިއެެވެ. އެ އެންމެންގެ ސުންކު ވަނީ ނައްސިވެފައެވެ. އަދި އެރަށާއި ގަމުންވެސް ވަކި ތަރުތީބެއް ނެތި ވަނީ ސުންކު ނަގާފައެވެ. އެގޮތުން ފޮނަދޫން 125 މީހުންގެ ސުންކު ނަގާފައިވާއިރު، ގަމުން 270 އަށްވުރެގިނަ މީހުންގެ ސުންކު ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު