ގއ.ކަނޑުހުޅުދޫ / ވިޒާ، މުޙައްމަދު މުނީރު 2011 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން މީނާގެ ދޮންދަރި އަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީއާއި، 19 ފެބްރުވަރީ 2014 ގެ ރޭގަނޑުގައި ކުއްޖާ ނިދާފައި އޮއްވާ، މީނާ ކުއްޖާގެ ނިދާ ކޮޓަރިއަށް ވަދެ ކުއްޖާގެ ޖިންސީ ގުނަވަނުގައި ހިފައި، ޖިންސީ ގުނަވަނާއި ބެހި ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އޭނާ 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓާއި ހައިކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދު ކޮށްފިއެވެ.

އުމުރުން 6 އަހަރުން ފެށިގެން އެތައް ބައެއްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުއްޖާއާއި ބެހުނު އިތުރު ބައެއް މީހުންގެ މައްޗަށް ވެސް މީގެ ކުރިން ޙުކުމްތައް އައިސްފައި ވެއެވެ.

މުނީރު 15 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން މުޙައްމަދު މުނީރުގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ޝަކުވާއަކީ މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅުނު ފުލުހުންނަށާއި، އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީއަށާއި ކުޑަކުއްޖާގެ ދައްތައަށް ދީފައިވާ ހެކިބަސް ބިނާވަނީ ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަށް ކަމަށް ވާތީއެވެ. އަދި އަނިޔާ ލިބުނު ފަރާތުން ދޭ ހެކިބަހަކީ ޢާންމު އުޞޫލެއްގެ ގޮތުން ބަލައިގަންނަ އެއްޗެއް ނޫންކަމަށާއި، ހިޔަރސޭ އެވިޑެންސަކީ ޢާންމު އުޞޫލެއްގެ ގޮތުން ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އިސްތިސްނާއީ ޙާލަތުގައި މެނުވީ ބަލައިގަންނަ އެއްޗެއްނޫން ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ބުނެފައިވާ ކަމަށެވެ.

ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް ބުރަދަން ނުދެވޭނެ ކަމަށް މުޙައްމަދު މުނީރު ބުނި ނަމަވެސް، މިބާވަތުގެ މައްސަލަތަކަކީ ސިއްރިއްޔާތުގައި ހިނގާ މައްސަލަތައް ކަމަށްވެފައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ވުޖޫދުވެފައިވަނީ މިޤާނޫނުގެ ދަށުން އުފުލޭ ދަޢުވާގެ މައްސަލަތަކުގައި އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމަށްކަން އެ ޤާނޫނުގެ މަޤުޞަދަށް ބެލުމުން އެނގޭކަމަށާއި އަދި މިބާވަތުގެ މައްސަލަތަކުގެ ތަބީޢަތުން، މުޅި ދަޢުވާ ސާބިތުކުރުން ބިނާވެފައިވަނީ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

"2011 ވަނަ އަހަރުގެ ތެރޭގައި ކުއްޖާ "ވިޒާ" ގޭގައި އުޅެމުން ދަނިކޮށް އެއްރޭ ހޭލެވުނީ މީހަކު ކުއްޖާއާ ބެހޭތީ ކަމަށް ކުއްޖާ ބުނެފައިވެއެވެ. ލޯހުޅުވާ ބަލާލިއިރު ހެދުން މަތިން ކުއްޖާގެ ޖިންސީ ގުނަވަނުގައި މުޙައްމަދު މުނީރު ހިފައިގެން ހުރިކަމަށާއި، ކުއްޖާ ހަޅޭއްލަވަން އުޅުމުން ހަޅޭއްނުލަވާ މަޑުން އޮތުމަށާއި، އެކަމުގެ ފައިދާ ފަހުން ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މުޙައްމަދު މުނީރު ކަންތައް ކުރާގޮތުގެ ވާހަކަ އެއްވެސް މީހެއް ކައިރި ނުދެއްކުމަށް ބުނިކަމަށާއި، ނަމަވެސް އެކަންތައް ނުކުރުމަށް މުޙައްމަދު މުނީރު ގައިގައި އަތްއަޅައި ކޮއްޕާ ހެދިކަމަށާއި، ގަދަ ދެއްކިނަމަވެސް ކުއްޖާގެ ގައިގެ އެކިތަންތަނުގައި ހިފަމުން ދިޔަ ކަމަށް ބުނެފައިވެއެވެ. އެގޮތުން ހަފްތާއަކު 4 ރޭ މުޙައްމަދު މުނީރު ކުއްޖާއާމެދު އެގޮތަށް ކަންތައްކުރާ ކަމަށް ކުއްޖާ ބުނެފައިވެއެވެ. އެއަށްފަހު 2014 ވަނަ އަހަރުގެ ސްކޫލް ހުޅުވި ހަފްތާގެ ފަހުން، އެއް ރޭ ކުޑަ ކުއްޖާއާ އެކު މުޙައްމަދު މުނީރު ޖިންސީ ގުޅުން ހިންގި ކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި އެރޭގެ ހާދިސާ ވަރަށް ތަފްޞީލުކޮށް ކުއްޖާ ތަޙުޤީޤަށް ކިޔައިދީފައިވެއެވެ." ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

2014 ފެބްރުވަރީ 19 ވަނަ ދުވަހުގެ ރެއާ ހަމައަށް ގާތްގަނޑަކަށް 10 ވަރަކަށް ފަހަރު މުޙައްމަދު މުނީރު ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ކުއްޖާ ބުނެފައިވާކަމަށް ޙުކުމުގައި ވެއެވެ. އަދި މި ވާހަކަތައް ކުއްޖާ އެއްވެސް މީހެއް ގާތުގައި ނުދެއްކީ ކުއްޖާ ލަދުގަންނާތީ ކަމަށާއި، މި ވާހަކަތައް ދެއްކުމުން މަންމަ ކުއްޖާ ދެކެ ރުޅިއައިސްދާނެތީ ކަމަށް ވެސް ކުއްޖާ ބުނެފައިވާކަން ސުޕްރީމް ކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

"މި ވާހަކަތައް ކިޔައިނުދީ ހުރުމަށްފަހު ބައެއް ވާހަކަތައް ކުއްޖާގެ ދައްތައަށް ކިޔައިދީފައިވާނެ ކަމަށާއި، އަދި ދައްތައަށް ކިޔައިދިން ފަހުން 2014 ފެބްރުވަރީ 20 ވަނަ ދުވަހުގެ ވަގުތެއްގައި ކުއްޖާގެ ހާޟިރުގައި ކުއްޖާއާމެދު މުޙައްމަދު މުނީރު ކުރި ކަންތަކާ ބެހޭގޮތުން ސުވާލުކުރުމުން އެ ކަންތަކަކީ މުޙައްމަދު މުނީރު ކުރި ކަންތައް ކަމަށް ދެން ދުވަހަކުވެސް ނުކުރާނެ ކަމަށް މުޙައްމަދު މުނީރު ބުނެފައިވާ ކަމަށް ބުނެފައިވެއެވެ." ޙުކުމުގައި ވެއެވެ.

އުމުރުން 12 އަހަރުގެ ކުޑަ ކުއްޖެއް (ދޮންބައްޕަގެ ޖިންސީ ގޯނާ ލިބެން ފެށިއިރު 9 އަހަރު) އޭނާގެ މަންމަ އިނދެގެން އުޅޭ މީހާއާ ބެހޭ ގޮތުން ހަޑި ހުތުރު ވާހަކަތަކެއް ދައްކަންޖެހޭ އެއްވެސް ސަބަބެއް ހުށަހެޅިފައިނުވާކަމަށާއި ކުއްޖާގެ ބަޔާނުން ކަން ހިނގާ ދިޔަ ގޮތް ކިޔައި ދީފައިވަނީ އެ އުމުރުގެ ކުއްޖަކަށް އެކަށީގެން ނުވާހާ ތަފްޞީލުކޮށް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައި ވެއެވެ.

މިމައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯބުރި

    ޝައިތޯނެއް ތީ ހަމަ😡😡😡🤮

    38
  2. ރަދީފް

    ވަރަށް ރަނގަޅު ހުކުމެއް.ލޮނުމިރުސް ހާކާފަ އަނދަގޮނޑޯގަ މީނަ ބާއްވަން ޖެހޭނީ.

    39
  3. އަބްދުއްލަޠީފު

    ތިގޮތަށް 149 ކިލޯ ހަކުރުގެ މައްސަލަވެސް ނިންމާބަލަ. ރައީސް ޔާމީނުގެ މައްސަލަވެސް. ދެން ޖެއްސުން ކުރުން ހުއްޓާލަބަލަ. ނޫނީ ރައްޔިތުން ނިކުމެ ހުރިހާކަމެއް ނިންމާލަފާނެ.

    11
    7