މާލޭގެ މޭޔަރު ކަމަށް ވަޑައިގެން ޚިދުމަތް ދެއްވާނީ ސިޔާސީ ފިކުރު ތަފާތު ކުރުމެއް ނެތި ކަމަށާއި ހަވާލުވާ މަސައްކަތް ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނަށް އޮންނާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ހުންނަ ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އޮފީހުގައި ރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ މި ހިނގި ދެ އަހަރުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންތެރި އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ވިދާޅުވީ އިދިކޮޅުގެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓްތައް ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ލަސް ކަމަށެވެ.

އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ވިދާޅުވީ އޭރު ފްލެޓްތައް ދޭނެ ބަޔަކު ކަނޑައެޅުމަށް ގެންދިޔައީ ހާމަކަން ބޮޑު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެކަމަކު ސަރުކާރުން އެ ފްލެޓްތައް ލިބުނު ބައެއް ފަރާތްތައް އަތުން ފްލެޓްތައް އަތުލާފައި އެހެން ބަޔަކަށް ދިނީ، އެއްވެސް ބަޔަކަށް ސާފުނުވާ އުސޫލެއްގެ ތެރެއިން ކަމަށެވެ. މުއިއްޒު އެ އަމަލު ސިފަ ކުރެއްވީ އަނިޔާއެއްގެ ގޮތުގައެވެ.

"ރައީސް ޔާމީންގެ ސަރުކާރުން އަޅާފައި ހުރި ފްލެޓްތައް، އަޅުގަނޑުމެން ވަރަށް ހުޅުވާލާފައިވާ ޕްރޮސެސްއެއްގެ ތެރެއިން ހޮވި ރައްޔިތުން އެ ތިބީ ނިކަމެތިކޮށްފައި، މި ފްލެޓްތައް އަތުލާފައި ހުރި މީހުންގެ ހާލަތު ހުރީ ވަރަށް ދަށްކޮށް. [ސަރުކާރުން] ހާލަތު މަތިވި ކަމަށް ބުނާ ގޮތެއް ނުވިސްނޭ، މިއީ ހާދަ އަނިޔާވެރި ސަރުކާރެކޭ. އެ ރައްޔިތުންގެ އޮތް ކުށަކީ ކޮބައިބާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ދުވަހު ފްލެޓްތައް ދިނުމުގައި ސިޔާސީ ފިކުރަކަށް ބަލާފައި ނޯންނާނެ ކަމަށެވެ. ފްލެޓްތައް ލިބޭ ފަރާތަކީ އެމްޑީޕީގެ އާންމު މެންބަރެއްތޯ ނުވަތަ ޕީޕީއެމްގެ އާންމު މެންބަރެއްތޯ ބަލާފައި ނޯންނާނެ ކަމަށާއި މާލޭގެ މޭޔަރު ކަމަށް ވަޑައިގަތުމަށް ފަހު ވެސް މަސައްކަތް ކުރައްވާނީ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުން ތަފާތެއް ނުކުރާނަން. އެއީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތެއްތޯ، ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތެއްތޯ، އެ ތަފާތެއް ނުކުރާނަން އަޅުގަނޑު. މާލޭގެ ރައްޔިތުންގެ ތާއީދާއެކު މާލޭގެ މޭޔަރު ކަމަށް ހޮވައިފިނަމަ މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރާނަން. އަޅުގަނޑު ހަވާލުވާ މަސައްކަތް ނިންމާނެ ކަން މާލޭގެ ރައްޔިތުންނަށް އެނގޭނެ." މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުން ވަރަށް ގިނަ ފުރުސަތު ދެވިއްޖެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު ނަތީޖާ ނެރެދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ފްލެޓް އަޅަން ފަށައި އެ ފްލެޓްތައް ދޫކުރަންވީ ކަމަށާއި އެކަމަކު އެ ކަމެއް ނުވާ ކަމަށް ވިދާޅުވިއެވެ. ސަރުކާރަށް އެ މަސައްކަތް ކުރަން ހުއްޓުވަން ޕީޕީއެމްއިން ނޫޅޭ ކަމަށާއި ހުއްޓުމުގެ ބާރެއް ވެސް ނެތް ކަމަށެވެ. ސަރުކާރުގެ އިތުރަށް މަޖިލީހުގެ ބާރު ވެސް އޮތީ އެމްޑީޕީއަށް ކަމަށާއި އެކަމަކު މާލޭގެ ރައްޔިތުންގެ ހުރި މައްސަލަތައް ހައްލު ނުކޮށްދެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރަން ފެށި 7000 ފްލެޓް މިސަރުކާރު އައިއިރު ވެސް ހުރީ ނިމުމަކާއި ގާތައް ގޮސްފައެވެ. އޭރު ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކޮށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ވަނީ ހަވާލު ކޮށްފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން ފްލެޓް ލިބޭނެ މީހުން އަލުން ކަނޑައެޅި މަސައްކަތް އަދިވެސް ނުނިމެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސައިން

    ތެޔޯ ހޮޅި ވާހަކަ އެހެން ވީ އިރެ އިންތިހާބް އަށް ނިކުންނާނޫ އަމިއްލަގޮތުން ސިޔާސީ ޕާޓީ އަކުން ދެން ޓިކެޓަކު ނޯން

    2
    8
    • Anonymous

      މުއިއްޒަށް އެހެން ނުބުނެވެންވީ އެއްވެސް ސަބަބެއް ނެތް. ހޮޅި ވާހަކައެއްވެސް ނޫން އެއީކީ. އޭނައެއް ނެތްތާ ބުނެފަކައެއް އެހެން ޕާޓީގެ މީހުންނަށް މަގޭ ނުލަފާކަން ދައްކާލާނަމެކޭ. މޑޕ މީހުންނަށް ވަރަށް ގަބޫލު ކުރަން ދަތިވާނެ. އެކަމު އެމީހުން އުޅޭ ފާޑަކަށް ނޫން ރާއްޖޭގެ އެހެން މީހުން އުޅެނީކީ.

      10
      3
      • ލޮލްލޮލް

        ހެހެހެ އެމްޑީޕީ ދޯ ގިނައީ...ލޮލް

        1
        3
        • Anonymous

          މަރުވި މީހުންނާ ބަންގާޅީންގެ ނަން ހުށަހަޅައިގެން ދޯ.

  2. ކެލާ އާރިފް

    ވާސަރީ... އަދިނެތްތޯ ދޮގެއްހަދާލެވޭކައް، 7އަހަރު އެއްވުޒާރާއެއްހިންގާފަ ރައްޔިތުންގެ ފައިސާ އެންމެގިނައިން އިސްރާފުކުރި މިނިސްޓަރަކީތީ، ތަފާތެއްނުކުރާނަމޭބުނަން ވަރަށްތާހިރެއްނުން، ހއދިއްދޫގެ ފުލެޓްތައްބަހާލި ޕާޓީކުދިންނަށާ ރައްޓެހިންނަށް، ޕީޕީއެމް އެކްޓިވިސްޓުންގެ އާއިލާތަކަށް ފުލެޓްތައްބަހާލީ، ހައްޤްވާމީހުން ބާކީކޮށްފަތިބީ، ވެރިކަންވޯޓުން ބަދަލުކުރީމަ ހުޅުމާލެފުލެޓްތައް ޕާޓީކުދިންނަށްބަހާލަންވެގެން ފޯމްތައްދޫކުރަންފެށީ

  3. ޢަހުމަދު

    މުއިޒު އަކީ ހާދަ ރަށްޔިތުންގެ ހައްގުގައި ހުންނަވާ މީހެކޭ އެހެން ވީމަ ތާ މަތީ މަގާމެއް ލިބޭ ތަނުން ބޮޑު ބިލްޑިންގެއް އެހެރީ ހަދާފަ.

  4. ޙަސަން ޢަލީ

    މުއިއްޒަށް ކެތްވާނެބާ! ވަޒީރުކަން ގެއްލުނީމަ މޮޔަވީ!