މޫސުން ގޯސްވުމުގެ ސަބަބުން ބ.މާޅޮހަށް ކުރި ވިއްސާރާގައި އެރަށު 40 ގެއަކަށް ފެން ވަން ކަމަށާއި، އޭގެ ތެރެއިން 23 ގެއެއްގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެރަށަށް ކުރި ވިއްސާރަގައި ރަށުގައި ފެންބޮޑުވެ، އިއްޔެ ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އަދި އެރަށުން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށު ކައުންސިލުން އިއްޔެ އިން ފެށިގެން މަސައްކަތް ކުރަމުން ދިޔައެވެ.

"ވަގުތު:އަށް މައުލޫމާތު ދެއްވަމުން މާޅޮހު ކައުންސިލްގެެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ، ރަށުގެ އާއްމު ހާލަތު ރަނގަޅު ނޫން ކަމަށާއި، ގޭގައި ފެންބޮޑުވެފައި ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.

އެރަށަށް ވާރެވެހެން ފަށާފައި ވަނީ ރޭ ނޫން ކުރީރޭ ގާގްތަނޑަކަށް 3:00 ހާއިރުއެވެ. އެއިރުން ފެށިގެން ހެނދުނު 8:30 ހާއިރު ޖެހެން ދެން ބޯކޮށް ދިޔައީ ވާރޭވެހެމުންނެވެ. އަދި އަނެއްކާ މެންދުރު 12:00 ޖެހިހާއިރުން ފެށިގެން 14:00 ހާއިރު ވަންދެން ވާރޭވެހުނެވެ.

"ވަރަށް ބޯކޮށް ވެހޭ، ވަަރަށް ބޯކޮށް، ފެންބޮޑުވެފައި އޮއްވާ އަނެއްކާ މެންދުރު ވާރޭވެހުނީމަ ބޮޑުވަރު މިވީ". ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، 23 ގެއެއްގެ ތަކެއްޗަށް ގެއްލުންވެފައިވާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކައުންސިލުން ބެލިއިރު، 40 ގެއަކަށް ފެންވަދެފައި އެބަ ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"23 ގެއަކުން، ހާއްސަކޮށް ފަރުނީޗަރު އެއްޗެއްސަށް ގެއްލުންވެގެން އެބަ ހުރި، އަދި އިލެކްޓްރޯނިކްސް، ދޮންނަ މެޝިން، އައިސް އަލަމާރި ކަހަލަ އެއްޗެހި އެބަ ހުރި ގެއްލުންވެފައި". ޝުޖާއު ވިދާޅުވިއެވެ،

އޭނާ ވިދާޅުވީ، އަދި އެސެސްމެންޓް ނުފަށާ ކަމަށާއި، މާދަމާ އެ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އެންޑީއެމްއޭގެ ލަފާގެ ދަށުން ކަމަށާއި، އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އެހީތެރިކަން ލިބެމުންދާ ކަން އޭނާ ފަހަގަކުރިއެވެ.

ރާއްޖެއަށް މިހާރު މޫސުން ގޯހެވެ. ބައެއް ސަރަހައްދުތަކުގައި ކަނޑުވެސް ގަދަ އެވެ. ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެެވެ.