މި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު، އިިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންނަށް ފުލުހުން އަނިޔާކުރިކަމަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމާއި މެދު ގޮތެއް ނިންމާނީ ހޮނިހިރު ދުވަހު ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު "ވަގުތު" އަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމަށްޓަކާ ބަލަން ޖެހޭ ކަންކަން ޕީޕީއެމްގެ ލީގަލް ޓީމުން މިހާރު ބަލަމުންދާ ކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ ގޮތުން އެއްކުރަން ޖެހޭ މައުލޫމާތުތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ލީގަލް ޓީމުން އެ މަސައްކަތް ކުރަމުން ދަނީ. އެ މަސައްކަތްވީ ސީދާ ހިސާބެއް ބަލަން އަޅުގަނޑު ޖެހޭނީ ލީގަލް ޓީމާ މަޝްވަރާކޮށްލަން. ހޮނިހިރު ދުވަހު ގޮތެއް ނިންމާނެ އެކަމާއި މެދު." އޭނާ ވިދާޅުވިއެެވެ.

މި މަހުގެ 7 ވަނަ ދުވަހު ކުރި މުޒާހަރާއިން ހައްޔަރު ކުރި 5 މީހުންގެ ތެރޭގައި ތިން އަންހެނުން ހިމެނޭ އިރު ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ފާތިމަތު ފަޒުލާއާއި ކައުންސިލް މެންބަރު ސޫދާ އަބްދުﷲ ހިމެނެއެވެ. އަދި ޖެހިގެން އައި ދުވަހު ހައްޔަރު ކުރި މީހުން ކޯޓަށް ނުގެންގޮސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ. އެ މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އެ މީހުންނަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރި ނަމަވެސް އެ ފަދަ ރިޕޯޓެއް ފުުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވަގުތަށް މައުލޫމާތު ދެއްވަމުން ފާހަގަކުރައްވާފައެވެ.

ހައްޔަރު ކުރި މީހުން ދޫކޮށްލުމުން ކަސްޓޯޑިއަލް ސަރަހައްދުގައި "ޗެނަލް-13" އާއި ވާހަކަދައްކަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރުން ކަމަށްވާ ފާތުމަތު ފަޒްލާ އަދި ސޫދާ އަބްދުﷲ ވަނީ އެ މުޒާހަރާއިން އަންހެނުން ހައްޔަރު ކުރީ އޮޅުވާލައިގެން ކަމަށް ވިދާޅުވެފައެވެ.

ފުލުހުން އެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާ ލިބިފައިވާ ކަމަށާއި، އަތުގައި ނޫފައިގަނެފައިވާ ތަންތަންވެސް ހުރިކަމަށާއި ހައްޔަރު ކުރި ތިން ވަނަ އަންހެން މީހާ އަކީ އުމުރުން ދުވަސްވީ މީހަކަށް ވީ ނަމަވެސް އެ މީހާ އަށް ވެސް ފުލުހުން އަޅާ ނުލާކަމަށް އެ މީހުން ވަނީ ބުނެފައެެވެ.

އެ މީހުން ހައްޔަރު ކުރި ރޭގެ 11 ޖަހަން ދެން އެއްވެސް ކާއެއްޗެއް ނުދޭ ކަމަށާއި، އެ އަންހެން މީހާ އަކީ ދާއިމީ ބެހެއް ކާ މީހަކަށް ވާއިރު އޭނާ އަށް ބޭސް ކެއުމުގެ ކުރިން ކާއެއްޗެއް ދޭން ތަކުރާރުކޮށް އެދުމުންވެސް ފުލުހުން އެކަން ނުކޮށްދިން ކަމަށް ސޫދާ ވަނީ ބުނެފައެވެ. ހަމައެހެންމެ އުމުރުން ދުވަސްވީ މީހާ ނަމާދުކުރަން ގޮނޑިއެއް ދޭން އެދުމުން އެކަމަށް ވެސް ބައެއް ފުލުހުން ދެކޮޅު ހެދިކަމަށް އެނާ ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދަޅުވީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ލިބޭ ފަދަ ކަމެއް ފުލުހުން ކޮށްފައިވާކަމަށް ބެލެވޭ ނަމަ އެކަން ބެލުމަށް މަތިކޮށްފައިވާ މުއައްސަސާތަކަށް ހުށަހެޅުއްވުމަށް ފުލުހުން އެދޭ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާފިއު

    ގޭގައި އޮއްވާތަ އުފުރާލީ... ގޭގައި އޮތް ނަމަ ބޭސް ކައިގެން ރީތިކޮށް ނަމާދުވެސް ކުރެވުނީސް.

    އެ މީހުން ހައްޔަރު ކުރި ރޭގެ 11 ޖަހަން ދެން އެއްވެސް ކާއެއްޗެއް ނުދޭ ކަމަށާއި، އެ އަންހެން މީހާ އަކީ ދާއިމީ ބެހެއް ކާ މީހަކަށް ވާއިރު އޭނާ އަށް ބޭސް ކެއުމުގެ ކުރިން ކާއެއްޗެއް ދޭން ތަކުރާރުކޮށް އެދުމުންވެސް ފުލުހުން އެކަން ނުކޮށްދިން ކަމަށް ސޫދާ ވަނީ ބުނެފައެވެ. ހަމައެހެންމެ އުމުރުން ދުވަސްވީ މީހާ ނަމާދުކުރަން ގޮނޑިއެއް ދޭން އެދުމުން އެކަމަށް ވެސް ބައެއް ފުލުހުން ދެކޮޅު ހެދިކަމަށް އެނާ ބުންޏެވެ.

    1
    1