އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ފުލުހަށް ހާޒިރު ވުމަށް އަންގައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މައުލޫމާތު ދެއްވި ގޮތުގައި، ފުލުހުން ތަހުގީގު ކުރެވެމުންދާ މައްސަލައަކާ ގުޅޭ ގޮތުން މުންދު ހާޒިރު ކުރަން އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 ގައެވެ.

މުންދު ހާޒިރު ކުރަން އަންގާފައިވާއިރު، ހާޒިރު ކުރަނީ ކޮން މައްސަލައަކާ ނުވަތަ ކޮންމެ ތުހުމަތަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ އެކި މައްސަލަތަކާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ދޭތެރެ ދޭތެރެއިން ފުލުހުންގެ މައި އިދާރާއަށް ހާޒިރުވާން އަންގައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ވަގުތު ހުންނެވީ ވެސް މާފުށީ ޖަލުގައެއެވެ. އެއީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތުހުމަތުގައި އުފުލި ދައުވާއެއް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވުމަށެވެ.

ކޮރަޕްޝަންގެ އެކި ތުހުމަތުތަކުގައި ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކި ބޭފުޅުންނަށް މިހާރު ވެސް ދައުވާތަކެއް އުފުލާފައިވެއެވެ. އަދި އާންމު ތަނެއްގައި ހަޑި ހުތުރު ބަހުން މުއާމަލާތް ކުރެއްވި ކަމުގެ ތުހުމަތުގައި ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ އެއްވެ އުޅުން ހަނިކޮށްފައިވަނިކޮށް އިދިކޮޅު ކޯލިޝަނުން ހިންގާފައިވާ ބައެއް މަގުމަތީ ހަރަކާތްތަކުގައި މާސްކް ނޭޅުން ފަދަ އަމަލުތަކާ ގުޅިގެން އެ ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޖޫރިމަނާކޮށްފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ 150،000 ރުފިޔާއިން އެ ކޯލިޝަން ޖޫރިމަނާ ކޮށްފައެވެ.