ގއ. ދެއްވަދޫގެ ސިއްހީ ހިދުމަތްތެރިން ކޮވިޑް-19 އަށް ފައްސިވެ، އެ މަރުކަޒުގެ ހިންގުމަށް ބުރޫ އަރައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ދެއްވަދޫގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، ރަށުގެ ސިއްހީ ކަންކަމުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކެއް ކޮވިޑް-19 އަށް ފައްސިވެ، ސިއްހީ ބައެއް ހިދުމަތްތައް ހުއްޓުމަކަށް އައިސްފި ކަމަށެވެ. އެގޮތުން މިއަދު އިތުރުހަތަރު މީހުން ކޮވިޑް-19 އަށް ފައްސިވެ، ސިއްހީ ގިނަ ހިދުމަތްތެރިން ކަރަންޓީނަށް ދާން ޖެހުނުކަން ފާހަގަކުރެއްވިއެވެ.

ތައުފީގު ވިދާޅުވި ގޮތުގައި މިއަދު ރަށުގެ އެސްޓީއޯ ފާމަސީގެ މުވައްޒަފަކާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ހިމެނޭ ގޮތަށް ވަނީ ކަރަންޓީނު ކުރެވިފައެވެ. އެމީހުން ކަރަންޓީން ކުރެވިފައިވަނީ ފައްސިވި މީހުންނާއި ދިމާވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްޓީއޯގައި މަސައްކަތް ކުރައްވަމުންދާ ކުއްޖާގެ މައިދައިތަ ކޮވިޑަށް ވަނީ ފައްސިވެފަ. އެހެންވީމާ އެކުއްޖާ އުޅެމުންދާ ގޭގެ އެންމެވަނީ ކަރަންޓީނު ކުރެވިފައި. ފާމަސީގައި ހުންނަ ހަމައެކަނި މުވައްޒަފު ކަރަންޓީނަށް ދާން ޖެހުމުން މިހާރު ފާމަސީ ވަނީ ހުއްޓިފައި. ބޭސް ދޫކުރެވޭނެ ގޮތެއް ނެތް" ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ އެންބިއުލޭންސް ދުއްވާ މުވައްޒަފުވެސް މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށެވެ. އަދި ހޮސްޕިޓަލުގައި މިވަގުތު ތިބީ ދެ ޑޮކްޓަރުންނާއި ދެ ނަރުހުންގެ އިތުރުން އެ މަރުކަޒުގެ މެނޭޖަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްބިއުލޭންސްވެސް މިހާރު ދުއްވަމުން މިދަނީ އެމްޕީއެލްގެ ޗުއްޓީއަށް ވަޑައިގެން ދެކުދިން ނެރެގެން. އަދި ރަށު ތެރެއިން ހޮވާލެވިގެން ނެރުުނު ކުއްޖެއްވެސް ނެރެގެން އެކުދިން ބޭނުންކޮށްގެން މިހާރު މި މެނޭޖް ކުރަމުން ދަނީ. ވަރަށް އުނދަގޫ ދަނޑިވަޅެއް." ތައުފީގު ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުގެ މުވައްޒަފުންތަކެއް ކަރަންޓީނަށް ދާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް މިހާރު ހިދުމަތް ދިނުމަށް ދަތިވެފައިވާ ކަމަށް ތައުފީގު ވިދާޅުވިއެވެ. އަދި މިހާރު ބުރުއަރާފައިވާ ހިދުމަތްތައް ދިނުމަށް ކައުންސިލްގެ މުވައްޒަފުން ނެރިގެން މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެއްވިއެވެ.

ދެއްވަދޫ އިހާގެ ފުރަަތަމަ ވޭދަނަ ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. މިހާތަނަށް އެރަށުން 39 މީހަކު ވަނީ ކޮވިޑް-19 އަަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު