ބަޑިއާއި ގޮވާ ތަކެއްޗާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުން ކުރާ ތަކެތި ގެންގުޅުނު ކަމަށް ބުނާ މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމްކޮށްފިއެވެ.

މާލޭގައި ހުންނަ މ. އިރުދޯދިގެ ބަލައިފާސްކުރަމުން ދަނިކޮށް ބަޑިއާއި ގޮވާ ތަކެއްޗާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުން ކުރާ ތަކެތި ފެނިގެން ޓެރަރިޒަމްގެ ދައުވާ ކުރީ ލ. ގަން، ހިމާޔަތް، މޫސާ ޔޫސުފު އަދި، ދަފްތަރު ނަންބަރު 7102، ހަސަން ނަސީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓަށް މި މީހުނަށް ކުރި ދައުވާތައް ހުށަހެޅުމުން، އެ ކޯޓުން ވަނީ މި ދައުވާތައް ބޭރުކޮށްލައިފައެވެ. އެއީ ފުލުހުން މި މައްސަލައިގައި ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. މި ގޮތުން މ. އިރުދޯދި ބަލައިފާސްކޮށްފައިވަނީ ގޭގެ ވެރިފަރާތުގެ ހާޒިރުގައި ނޫން ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރިއެވެ މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހާތިލް ހިލްމީއެވެ. ދެން އިންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވާފައިވާ ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ގޭގެ ދެވަނަ ފަންގިލާއަކީ ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި ކުއްޔަށް ހިފާފައިވަނީ ހަސަން ނަސީމެވެ. އެ ތަނުގެ ތަޅުގަނު މޫސާ ޔޫސުފްއަށް ހަސަން ނަސީމް ދީފައި އޮންނަ ކަމަށެވެ. ހަސަން ނަސީމް މާލޭގައި ނެތީސް މޫސާ ޔޫސުފް އެ ގެއަށް ވަދެ ގޭގައި އަމިއްލަ ތަކެތި ބަހައްޓައި، ފެންވަރައި، ގޭގެ ތަކެތި ބޭނުންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކޯޓުގެ އަމުރުގެ ބޭނުމަށް އެ ގޭގެ ވެރިފަރާތުގެ ގޮތުގައި ބަލަން ޖެހޭނީ ގޭގެ ރަޖިސްޓްރީ އޮތް ފަރާތްތޯ ނުވަތަ އެ ގެ ކުއްޔަށް ހިފި ފަރާތްތޯ ނުވަތަ ކުއްޔަށް ހިފި ފަރާތުން އެ ތަން ހަވާލުކުރި ފަރާތްތޯ ސުވާލު އެފެދިފައި އޮތް ކަމަށް ހުކުމުގައިވެއެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުން ބުރަވީ އެ ހާލަތުގައި ގޭގެ ވެރި ފަރާތަކީ ކުއްޔަށް ހިފި ފަރާތުން ތަން ހަވާލުކޮށް އެ ތަން ބޭނުން ކުރަމުން ދިޔަ ފަރާތް ކަމުގައެއެވެ.

އެހެންކަމުން އެ އަމުރު ތަންފީޒުކުރި ވަގުތު އެ ފަރާތަކީ މޫސާ ޔޫސުފް ކަމަށް ވާތީ، އެ ސަބަބުގެ މައްޗަށް ބިނާކޮށް، އެ އަމުރުގެ ދަށުން އެ ގެ ބަލައި ފާސްކޮށްގެން ފުލުހުން ހޯދާފައިވާ ހެކިތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށް ކަނޑައަޅައި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެއެވެ.