2018 ވަނަ އަހަރު އައި.ޖީ.އެމް.އެޗްއިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތައް ގަވާއިދުތަކާއި ޚިލާފަށް ކުރިއަށް ގެންދިޔަކަން ފާހަގަކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާޙުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗާއި ހަވާލާދީ ޕީއެސްއެމް ނިއުސްގައި ވަނީ މިހާރު ކުރަމުން ދަނީ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތްކަމަށެވެ.

އޮޑިިޓަރ ޖެނެރަލް އިން ނެރުނު އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓުގައި ވަނީ އެ ހޮސްޕިޓަލުގެ 2018ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އެ އަހަރު އެކަށީގެންވާގޮތަށް އެއްބަސްވުންތައް ނެތި ފައިސާއާގުޅޭ މުއާމަލާތްކޮށްފައިވާ ކަން ފާހަގަކޮށްފައެވެ.

އަދި 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ސަރުކާރު ބަދަލުވުމުން ހޮސްޕިޓަލުގެ ހިންގުމާ މިހާރުގެ މެނޭޖްމަންޓުން ޙަވާލުވެފައިވަނީ އެ އަހަރުގެ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުއ ކަމަށް ވާއިރު ހޮސްޕިޓަލުގައި ކުރިއަށް ގެންގޮސްފައިވާ ހުރިހާ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ އެ ހޮސްޕިޓަލަށް ގިނަ ޢަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދަމުން ދާއިރު، އެ ހޮސްޕިޓަލުން ކުރިއަށްގެންދަންޖެހޭ ބައެއް ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ޖެހެނީ ހަލުވި ދުވެލީގައިކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެހެންނަމަވެސް އެ ކަންކަމުގައި އިޞްލާޙު ކުރަންޖެހޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވާ ކަންކަމުގެ އިތުރުން، އެފަދަ ކަންކަމުގައި އިސްލާހު ކުރެވިދާނެ ކަމަށް ދައުލަތުގެ އެހެން އިދާރާތަކުން ދެއްވާ އިރުޝާދުތައް ވެސް ބަލައިގަންނަ ކަމަށް އައިޖީއެމްއެޗްއިން ފާހަގަކުރައްވައެވެ.

އައިޖީއެމްއެޗްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ޕްރޮކިއުންމަންޓާއި ގުޅޭ އެންމެބޮޑު މައްސަލައެއް ކަމަށް ފާހަގަކުރީ ހޮސްޕިޓަލުގައި 2018 ވަނަ ހެދި ނެވާލާނިޒާމުގެ ބަލިތަކަށް ޚާއްސަ ޤައުމީ ސެންޓަރުގެ މައްސަލަ ކަމަ\ސް ވާއިރު އެ ސެންޓަރުގެ މަސައްކަތް ކުރުމަށް ފިނޭނެސް މިނިސްޓްރީން ހުއްދަދީފައިވަނީ 36.8 މިލިއަން ރުފިޔާގެ އަގަކަށެވެ އެހެން ނަމަވެސް ބަދަލުގެނެސްފައިވާ ކޯޓޭޝަންގައި އެ އަދަދު ވަނީ 38 މިލިއަން ރުފިޔާއަށް އިތުރުކޮށްފައި ކަމަށް ވާއިރު އެއީ ކަނޑައެޅި އަގަށްވުރެ 1،276،023 (އެއް މިލިއަން ދުއިސައްތަ ހަތްދިހަ ހަ ހާސް ތޭވިސް ރުފިޔާ)ރުފިޔާ އިތުރު އަދަދެއް ކަން ފާހަގަކޮށްލެވެއެވެ.