ގއ.ދެއްވަދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 43 އަށް އަރައިފިއެވެ.

މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 52 އަށް އަރާކަމަށެވެ. އެއީ ދެއްވަދޫން 43 މީހަކާއި ލ. ފޮނަދޫން ހަތަރު މީހުން، ގއ. ދާންދޫން ދެ މީހުން، ގއ. ވިލިނގިލިން މީހެކެވެ.

ދެއްވަދޫގައި ކޮވިޑް-19 ފެތުރި އެ ރަށުގައި އުފެދުނު ބޮޑު އިހަލުގައި (ކްލަސްޓާ ގައި) ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް އެޗްއީއޯސީ އިން ވިދާޅުވިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ، ދެއްވަދޫ އިހަލުން މިހާތަނަށް ހޯދިފައި ވަނީ ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) 250 މީހުން ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކު 101 މީހަކު ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދެއްވަދޫ އިހަލާއި ގުޅިގެން މިހާތަނަށް 750 މީހެއްގެ ސުންކު ނަގާފައިވާ ކަމަށެވެ. އެއީ އެކި ރަށްރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ވެސް ހިމެނޭ ގޮތުންނެވެ.

ދެއްވަދޫ އިހަލާއި ގުޅިގެން ގއ. އަތޮޅާއި ލ. އަތޮޅުން ފަސް ރަށެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އެއީ ދާންދޫގެ އިތުރުން ވިލިނގިލި، ދެއްވަދޫ، ލ. ގަން އަދި ފޮނަދު އެވެ.

ދެއްވަދޫ އިހަލުގައި ހިމެނޭ ދެ މީހަކު ގއ.އަތޮޅު ފެރީ "ކޮއިމަލާ 4" އިން ދަތުރުކޮށްފައި ވުުމުން އެ ފެރީން ދަތުރުކުރި މީހުން ވެސް ކަރަންޓީނުވާން އެޗްޕީއޭ އިން މިހާރު އަންގައިފަ އެވެ.

އަރޫޝާ ވިދާޅުވިގޮތުގައި، ފެރީން ދަތުރުކުރި މީހުން ކަރަންޓީނު ކުރަން ޖެހުނީ ދަތުރުފަތުރު ކުރުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިނާ އެއްގޮތަށް ކަންކަން ކޮށްފައި ނުވާތީ އެވެ.

"ކޮއިމަލާ ހަތަރަކާ ގުޅިގެން އަަޅުގަނޑުމެންނަށް އަތޮޅުތެރޭގައި ވަރަށް ގިނަ ފަރާތްތަކެއް ކަރަންޓީނުކުރަން ޖެހިފައި ވަނީ. މި ގޮތަށް މި ދިމާވަނީ ދަތުރުފަތުރު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތަށް އެޅިފައި ނުވުމާ ގުޅިގެން. އެހެންކަމުން ކުރިއަށް އޮތްތާނގައި ވެސް އެހެން ފަރާތްތަކުން ވެސް ދަތުރުފަތުރު ކުރުމުގައި މި ގޮތަށް ކަނޑައެޅިފައި އޮންނަ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އަރޫޝާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    ޝުކުރިއްޔާ ރައީސް.. މީގެންވެސް ރެކޯޑް ހަދަންވާނެ

  2. ގެރި

    މީ ހުސް އެމްޑީޕީ އެެއްޗެހިންގެ ބަލާވެރިކަން..ޕާޓީ ބާއްވާ މީޓިން ބާއްވަނީ

  3. ޜައްޔިތުމީހާ

    ކޮބާ ވިލިނގިލިމީހުންހޭއަރާބަލަ އިހައްދުވަހު ތިނަދޫންއައި ކޮވިޑުބަލިމީހާ ފަރުވާދޭންގެނައިމަ ރަށައްނާރުވާ ބޭރުކުރީ މިއަދު މުޅި ގއ ގަމިއޮއް ފެތުރެނީ ﷲ ބިރުވެތިވޭ