ލ.ފޮނަދޫން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށާއި، އެއަތޮޅު ގަމަށް އަރައި ފޭބުން މަނާކޮށް ދެރަށް މޮނިޓަރިންގެ ހާލަތައް ލުމަށްފަހު ނެގި ހުރިހާ ސުންކުތައް (ސާމްޕަލްތައް) ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ 12 ޖަނަވަރީ ދުވަހު ގަމާއި ފޮނަދޫން ވަކި ތަރުތީބެއް ނެތި (ރެންޑަމްކޮށް) ނެގި ހުރިހާ ސުންކުތަކެއް ވެސް ނައްސިވެފައިވާ ކަމަށެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވާ ގޮތުގައި ގަމުން 263 ސުންކު އަދި ފޮނަދޫން 125 ސުންކު ނަގައި ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވެއެވެ.

ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތައް ގެނައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފޮނަދޫން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގއ.ދެއްވަދޫން ފޮނަދުއަށް ދަތުރުކުރި އާއިލާއެއްގެ މެންބަރުންތަކެކެވެ.

ގަމާއި ފޮނަދޫން ނެގި ސުންކުތައް ނައްސިވުމުން ދެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާނެ ކަމަށް ކުރިން ކައުންސިލުން ވިދާޅުވެފައި ވެއެވެ. ނަމަވެސް އަދި ދެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލިކަން ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 😞

    އަލްހަމްދު ލިންލާހި

  2. ޙުސްނުހީނާ

    އިރުކޮޅަކުން ތިޔައިން ސުންކެއް ފައްސިއޭ ނުބުނާތި.

    2
    2
  3. 😭

    ތިހެންނުވާނެ ބުނާކަން ބުނެފައެންނޫން ދޯ ފަންސިވާނީ