އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން ގއ. ދެއްވަދޫއަށް 4،000 ފޭސް މާސްކް ހަދިޔާކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އެ ރަށުގެ ރައްޔިތުންނަށް ހަދިޔާކުރި އެ ފޭސްކް މާސްކްތައް ހަވާލުކޮށްދިނީ އެ ރަށުގައި ގާއިމްކޮށްފައިވާ އެ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީއަށެވެ. - މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިދިކޮޅުގެ ހަރަކާތްތައް ފުޅާކުރަން އެއިން ކޮންމެ ރަށެއްގައި ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. -

އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްވަދޫ ކޮމިޓީއަށް އެ ތަކެތި ހަދިޔާ ކޮށްދިނީ ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އެ ތަކެއްޗާ ހަވާލުވީ ދެއްވަދޫ ކޮމިޓީގެ ޓްރެޒަރާ ތައުހީދު ސަލީމެވެ.

ދެއްވަދޫއިން މިހާތަނަަށް 62 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި އިހަލާއި (އިހާއާއި) ގުޅިގެން ގއ. ވިލިނގިލިން ދެ މީހަކު، ގއ. ދާންދޫއިން ތިން މީހަކު، ހުޅުމާލެއިން މީހަކު، ލ. ފޮނަދޫއިން ހަތަރު މީހަކު ފައްސިވެފައިވެއެވެ. މީހުން ދިރިއުޅޭ ބައެއް އެހެން ރަށްރަށުން ވެސް ކޯވިޑް-19 ގެ ބަލިމަޑުކަން ދަނީ މަދުން ނަމަވެސް ފެންނަމުންނެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ބަޔާނެއް ވެސް ނެރުނެވެ. އެ ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރަށްރަށުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެއެވެ. ދެއްވަދޫގައި ވެސް އެ ބަލި ފެތުރުމުންދާއިރު ބައްޔަށް ފަރުވާދިނުމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް ނޭޅޭ ކަމަށް ބުނެ އެފަދަ ފިޔަވަޅުތަކެއް އަވަހަށް ގާއިމް ކުރުމަށް ގޮވާލާފައިވެއެވެ.