މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި 87 މީހުންގެ ތެރެއިން 32 މީހުންނަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި މީހުން ކަމަށް އެޗްއޯސީ އިން ވިދާޅުވެއްޖެއެވެ.

އެޗްއޯސީ އިން ވިދާޅުވީ މިއަދު އޮޅުވެލިން ފައްސިވި އެންމެންނަކީ ވެސް އެތަނުގެ މުވައްޒަފުން ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއިއެކު އޮޅުވެލި ރިސޯޓުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 57 އަށް މިހާރު އަރައެވެ.

އޮޅުވެލި ރިސޯޓުން އަދި މިހާތަނަށް ފައްސިވެފައިވާ އެންމެންނަކީ ވެސް އެރިސޯޓްގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝް މީހުންގެ އިތުރުން ދިވެހިންނާއި އިންޑިއާ އަދި ސްރީލަންކާގެ މީހުން ވެސް ފައްސިވި މީހުންގެ ތެރޭގައި ހިމެނެއެވެ.

އޮޅުވެލި ރިސޯޓުން ފައްސިވި ގިނަ މީހުންނަކީ ޒުވާނުންނެވެ. އެރިސޯޓުން ފައްސިވި މީހުންގެ ތެރެއިން އެންމެ އުމުރުން ދޮށީ މީހަކީ 45 އަހަރުގެ މީހެކެވެ. އެއީ ބަންގްލަދޭޝް ފިރިހެނެކެވެ.

މިއަދު ރާއްޖެ އިން 87 މީހަކު ފައްސިވިއިރު އޭގެތެރެއިން 30 މީހުން ފައްސިވީ މާލެއިންނެވެ. 13 މީހަކު މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވެފައި ވާއިރު ރިސޯޓްތަކުން މިއަދު 41 މީހަކު ފައްސިވިއެވެ. އަދި ސަފާރީއަކުން ތިން މީހަކު ވަނީ ފައްސިވެފައެވެ.

މިއަދު 87 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3331 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު 150 މީހަކު ކޮވިޑް-19 އަށް ފައްސިވި ފަހުން ރާއްޖެ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިއަދު ވަނީ 901 އަށް އަރާފައެވެ. މިއީ ޑިސެމްބަރ މަހުގެ 03 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްތަކުގެ އަދަދު 900 އަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިހާރު 68 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު