ވިޔަފާރި ބަނދަރެއް އަޅަން މިސަރަހައްދުގައި އޮތް އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށާއި އެއީ ޓެކްނިކަލް ގޮތުން ބަލާއިރު ވެސް ފެންނަން އޮތް ހަޤީޤަތް ކަމަށް މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައި އޮތް ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އެނިންމުން ވަނީ ބަދަލު ކުރައްވާފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ވިޔަފާރި ބަނދަރު އަޅާނީ ގުޅިފަޅުގައެވެ. އެމަސައްކަތް ކުރުމަށް ގުޅިފަޅު ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ގުޅިފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފަޅުގައި އަޅަން ނިންމާފައި އޮތް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "އެކަން ސަރުކާރަށް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. އަދި މިސަރަހައްދުގައި ޕޯޓެއް އަޅަން އެންމެ ރަނގަޅީ ތިލަފުށިކަން އެއީ ޓެކްނިކަލީ ބަލާއިރު ފެންނަން އޮތް ހަޤީޤަތް." މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ވިޔަފާރި ބަނދަރު ހެދުމަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެއެވެ. ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ. ބޮސްކާލިސްއާ ހަވާލުކުރި ފުރަތަމަ ފިޔަވަހި ނިމުމުން ދެން ހިއްކާނީ ކިހާ ސަރަހައްދެއް ކަމެއް މިހާތަނަށް އާއްމެއް ނުކުރެ އެވެ.

މާލޭގެ ރަށްވެހިންނަށް ދިމާވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި، އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން އެކަށީގެންވާ މަސައްކަތް ސަރުކާރަށް ނުކުރެވި ދިގުލައިގެން ދާތީ ވަނީ ވަރަށް ބޮޑަށް ފާޑުކިިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. DHONA

    ކަލޭމެން ބުނީ ގުޅިފަޅު އެއީ މީހުން އާބާދު ކުރާވަރުގެ ތަނެއްނޫނޭވެސް....މިހާރު ތިއުޅެނީ މާލޭ ސަރަހައްދުމީހުންގެ ބޮލަށްގުއިރޭންވެގެން ދޯ....

  2. ކެލާ އާރިފް

    ހޮޅިވާހަކަ ނުދައްކަވާ، އެއްވުޒާރާއެއް 7އަހަރު ހިންގަވާފަ ނުކުމެހުރެ މިހާރު މާމޮޅު ވާހަކަތައް ދައްކާނެކަމެއްނެތް، ތިމާމީހާ ބުނިވާހަކަތައް ރައްޔިތުންގެ ކަންފަތުގަ ހަރުލާފަ އެބަހުރި އިނގޭތޯ. ތިބޭފުޅާ ނޫންތޯވިދާޅުވީ މިވެނި ތަނެއް ނޫނީ މިވެނިކަމެއް ކުރިއިރުވެސް ހަލާކުވާނެކަމާ ގެއްލުންވާނެކަން އިނގެޔޭ، އެނގިހުރެ ރައޔިތުންގެ ފައިސާތައް އިސްރާފުކޮށް އަމިއްލަމީހާގެ ގެކޮޅު ބުރިބުރިއަށް ހިއްލާލީނޫންތޯ، މާލޭގެ މުޅިމަގުތަކުގަ ހޮޅިއަޅައިގެން ހުންނެވީ ތިބޭފުޅާއެއްނޫންތޯ، ރައްރަށުގަ ފުލެޓް ދޮންބެއަޅައިދިން ފުލެޓްތައްވެސް އިންސާފުންބަހާލަން ނޭގި އަމިއްލަ ޕާޓީގެ ކުދިންނަށްބަހާލީ