ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުލަތުން އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލްކޮށްފިއެވެ.

ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ.

ނަމަވެސް އެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަރާލާފައި ވަނީ ޓެކްސީ ދަތުރެެއްކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ 15 ދުވަސް ފަހުންނެވެ.

އަދުހަމްގެ އަމިއްލަ އިއުތިރާފާއެކު، އެ މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާއާ ހަމައަށް އައިއިރު، އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ގާސިމްމަރާލިކަމަށް އިންކާރުކޮށްފައެވެ.

އެންމެ ފަހުން އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުލަތުން ހަމަޖައްސައިދިން ވަކީލާއެކު މައްސަލައާއެކު ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ ދައުލަތުން އޭނާ އަށް ހަމަޖައްސައިދިން ވަކީލަކީ، އޭނާއާއި އެކު މަސައްކަތް ކުރެވޭނެ ގާބިލްކަން ހުރި ވަކީލެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އޭނާއާއި ބައްދަލު ނުވާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ، އިސްމާއިލް ރަޝީދު ވަނީ އަދުހަމްއަށް އަމިއްލަ ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެ މުހުލަތަށް ވަކީލަކު ހަމަނުޖެހިއްޖެނަމަ، ދައުލަތުން ހަމަޖައްސާ އެހެން ވަކީލަކާއެކު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގާޒީ އެންގެވިއެވެ.

ގާސިމްއަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.