މާލޭގެ އެކުވެނި ޓްރެކް ސަރަހައްދުގައި އަލަށް ހެދި ސިންތެޓިކް ދުވާ ޓްރެކާ އެކު އެތައް ބައެއްގެ ސިއްހީ ދުޅަހެޔޮކަމަށް މަގުފަހިވެގެން ދާނެ ކަމަށާއި މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެކެއް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އެކުވެނި ސިންތެޓިކް ދުވާ ޓްރެކް ރަސްމީކޮށް ހުޅުއްވައި ދެއްވައިފައެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު މަސައްކަތް ނިންމައި އިފްތިތާހު ކުރި ފުރަތަމަ މަޝްރޫއެވެ. އަދި ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ އެހީގެ ދަށުން ނިންމާލި އަށް ވަނަ މަޝްރޫއެވެ.

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން ދުވާ ޓްރެކް އަދި ކްރިކެޓު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އަދި މިދިޔަ ނޮވެމްބަރު ނުވަ ވަނަ ދުވަހު ސިންތެޓިކް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާއެވެ.

މާލެ އެކުވެނި ޓްރެކަކީ ރާއްޖޭގައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ހަމައެކަނި ޓްރެކްއެވެ. އަދި ކުޅިވަރު ކުޅުންތެރިންނާއި ޕްރޮފެޝަނަލް އެތްލީޓުން އެކި ކުޅިވަރު އިވެންޓުތަކާއި މުބާރާތްތައް ބާއްވަން ބޭނުންކުރަމުން އައި މުހިންމު ތަނެކެވެ. އަދި ކުޅުންތެރިންގެ އިތުރުން މާލޭގައި ދިރިއުޅޭ ފިޓްނެސްއަށް ލޯބިކުރާ އެތައް ބަޔަކު ދުވެ، ކަސްރަތު ކުރުމަށް ބޭނުން ކުރަމުން އައި ތަނެކެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވި ގޮތުގައި އަލަށް ހެދި މި ޓްރެކްގެ ސަބަބުން އެކުވެނި އަކީ ކުރިއަށްވުރެ ބޮޑަށް ކަސްރަތާއި ކުޅިވަރު އަދި އެތުލެޓިކްސްގެ އެކި އިވެންޓުތަކަށް އެކަށީގެންވާ ތަނަކަށް ވެގެންދާނެއެވެ. އަދި މީގެ ފައިދާ ކުޅުންތެރިންނާއި އެތުލީޓުންގެ އިތުރުން މާލޭގެ ރައްޔިތުންނަށްވެސް ވެގެންދާނެ ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

މާލޭގެ މިފަދަ މުހިންމު ކުޅިވަރު އެރީނާއެއް މަރާމާތުކޮށް ތަރައްގީކުރުމަށް އެހީތެރިވެދެވުނު ކަމީ އިންޑިއާއިން ފަޚުރުވެރިވާކަމެކެވެ. އެކުވެނި ސިންތެޓިކް ޓްރެކްގެ ސަބަބުން އެތައްބައެއްގެ ސިއްހީ ދުޅަހެޔޮކަމަށް މަގުފަހި ވެގެންދާނެއެވެ. މިއީ ރައީސް ސޯލިހްގެ އެންމެ މުހިންމު ވައުދުތަކުގެ ތެރެއިން ވައުދެކެވެ،" އިންޑިއާ ހައި ކޮމިޝަންގެ ބަޔާނުގައިވެއެވެ.

އެކުވެނި މަޝްރޫއުއަކީ އިންޑިއާގެ ގްރާންޓް އެހީގެ 200 މިލިއަން ރުފިޔާ (13 މިލިއަން ޑޮލަރު) ގެ ދަށުން ދިވެހިރާއްޖޭގައި ހިންގަމުންދާ 30 ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް މަޝްރޫއުތަކުގެ (އެޗްއައިސީޑީޕީ) ތެރެއިގައި ހިމެނޭ މަޝްރޫއުއެކެވެ.

އެޗްއައިސީޑީޕީގެ ދަށުން ހިންގި މަޝްރޫއުތަކުގެ ތެރޭގައި އއ. އުކުޅަސް ކޮންވެންޝަން ސެންޓަރު، މ. ކޮޅުފުށި މަގުމަތީ ލައިޓް ހަރު ކުރުން، ދ. ވާނީ ޕޮލިސް ސެންޓަރު، މާލެ ސިޓީ ކައުންސިލަށް އެއްގަމު އުޅަނދު އަދި މެޝިނަރީ ފޯރުކޮށްދިނުމާއި ބ. ގޮއިދޫ-ފެހެންދޫ ސްކޫލް ފެރީ ފޯރުކޮށްދިނުމާއި 61 ރަށެއްގެ އައުޓްޑޯ ޖިމްއަށާއި 67 ކުޑަކުދިންގެ ޕާކަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނެއެވެ.

ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގދ. ފަރެސްމާތޮޑާގެ ވެޓްލޭންޑް ޕާކްގެ މަޝްރޫއު އާއި ހުޅުމާލެ ފިޔަވަތި މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ހުޅުމާލެ ސެންޓްރަލް ޕާކް އަދި ޖެޓީ މަރާމާތު ކުރުމާއި ނ. ޅޮހި އަދި ރ. ކިނޮޅަހު ސްކޫލްތަކުގެ ކްލާސްރޫމް ބިނާ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމި އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ ތަރައްގީ އަށް ހާއްސަ އިސްކަމެއް ދީގެން، އެ ސިޓީގައި ތިން މަސް ޕްރޮސެސިން ޕްލާންޓާއި، 5 އިކޯ-ޓޫރިޒަމް ޒޯން އަދި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމްކުރުމަށް އިންޑިއާއިން އަންނަނީ އެހީތެރިވަމުންނެވެ. އަދި އުތުރުގެ އަތޮޅުތަކުގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ މަޝްރޫއު ތަކުގެ ތެރޭގައި ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމް ކުރުމުގެ މަޝްރޫއުއާއި ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސާޗް ސެންޓަރެއް ގާއިމް ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަހުލޫފުގެ ރަހްމަތްތެރިޔާ

  ތަނެއް އޮތަކަސް އަދި ސިއްހީ ދުޅަހެޔޮނުވާނެ އެތަނަކަށް ގޮސް އެތަނެއް ބޭނުން ހިފައިގެން ތިބުނާ ކަމެއް ވާން އޮތީ ހެ ހެ

 2. ހާލުފޮޅި

  ހިލޭ އެހީގެ ގޮތުގައި ޓްރެކް ހަދައިދިނީ ހަދިޔާއަކަށް މިތާ ފައްޅިއެއް އަޅައިދޭ ގޮތަށްބާ.. ދެން އަނެއް ވާހަކަ، ޓްރެކަށް ނޭރުވޭ އެއްޗިހި ގިނަ، އަރަން ޖެހެނީ ވަކި އަގެއްގެ ބޫޓަކަށް.. އެކަމަކު ރަސްމިއްޔާތަށް އޯކޭ ބުރުމާ ކަށި ލީ ފައިވާނުގަ ، އެތަންމިތަން ތޮރުފާ ފުރޮޅުލީ ގޮނޑި ދުއްވިޔަސް..

  9
  1
 3. Anonymous

  ސިންތެޓިކް ދުވާ ޓްރެކު މުހިންމެއް ނޫން! ރައްޔިތުން ބަނޑުފުރާ މުއްތިކުރާނެ ގޮތެއް ނެތިގެން މިއުޅެނީ.

 4. މަސްއޫދު

  ތިޔައޮތީވާ ކަމެއްކުރެވިފައި ދެ އަހަރުގެތެރޭގަ ހަމައެކަނި ކުރެވުނީ ބަޔަކުހަދައިފައިއޮތް ތަނެއްގައި ބެޑުޝީޓު ފަތުރާލުން! ސާބަސް އިބޫ އާން! މިރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއް ބަންދުކުރިއަސް ދުޅަހެއު ސިއްހަތެއްގައި ތިބެވޭނެ! ރާއްޖޭގެ ދެ އަހަރުގެ ބަޖެޓް ފައިސާ (ފަސްދޮޅަސް އެތަކެއް ބިލިޔަން) އާ ނުބައްދަލު މަސައްކަތެއް ތިޔަކޮށްދެއްވީ! ސާބަސް އިބޫ ކޮބާ އެއްކަލަ ހޮހަޅަ މާއަގުބޮޑުކަމަށްބުނި! މިހާރުއެއީ ޖަވާހިރެއްދޯ! ޅޭފަހެ އެއަރުޕޯޓަށްގޮސް ތަރައްގީފެނި ޝުކުރު އަސާކުރީ އެއަރުޕޯޓުގައި އުޅޭ މުއައްޒަފުންނަށް! ބަލަގަ އިބޫ ހިއްހަމަޖެހުނަސް،ނުޖެހުނަސް އެތަން ތަރައްގީކުރީ އިބޫމެން ފޮރުވައިގެން ގެންގުޅޭ ރޮކެޓް ސްޕީޑް މިގައުމުގެ ފަޚުރު ޔާމީނު އެއީ އިބޫކަހަލަ ކަންނެތްމީހެއްނޫން!

 5. އަކްމެޑް

  ދުވާ ގްރޫޕް ހަދައިގެން މީސްމީހުން އަތުން ހާހުން ފައިސާ ނަގައިގެން ގޮސް ތިޔަތަނުގައި ކޯނު ޖަހައިގެން ވެރިވެގަނެގެން ތިބޭނީ.