ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ކެމްޕޭން ކުރަން ފުރުސަތު ނުދޭ ކަމަށް އެ ކޯލިޝަނުން ބުންޏަސް، ކެމްޕޭން ގައިޑްލައިންގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ވެސް ކެމްޕޭން ކުރަން ފުރުސަތު ލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލް އިންތިހާބުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅުއްވަމުން، މިއަދުގެ ޖަލްސާގައި އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އަވަހަށް އިންތިހާބު ބާއްވައި ކައުންސިލްތައް އެކުލަވާލައިގެން ލާމަރުކަޒީ އުސޫލުގެ ތެރެއިން ދައުލަތް ހިންގުން ކަމަށެވެ. އެ އިސްލާހު ހުށަހެޅުއްވީ އެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ކެމްޕޭން ކުރުމަށް ރަށްރަށަށް ދަތުރު ނުކުރެވޭ ކަމަށް ކުރާ ޝަކުވާއަށް އިޝާރާތް ކުރައްވަމުން އަލީ ނިޔާޒު ވިދާޅުވީ، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެކަމަށް ހުރަސް އަޅާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ބާއްވާނެ އުސޫލުތައް ހިމެނޭ ވަގުތީ ގާނޫނުގައި ކެމްޕޭން ކުރުމުގެ ޚާއްސަ ގައިޑްލައިނެއް އެކުލަވާލަން އޮންނާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އެ ގައިޑްލައިންގެ ތެރެއިން، ސިއްހީ ޚާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް ލިބިގެންދާނެ ކަމަށާއި ކޮންމެ ޕާޓީއަކުން ވެސް އަމަލު ކުރަން ޖެހޭނީ އެ ގައިޑްލައިނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މި ފުރުސަތު އޮތީ ހަމައެކަނި ސަރުކާރަށް. ސަރުކާރު ސިޔާސީ ޕާޓީއަށް އެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށް. އެކަމަކު މި ކަނޑައަޅާ ގައިޑްލައިންގެ ތެރެއިން ހުރިހާ ފަރާތަކަށް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބޭނެ. އެ ގޮތަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވެސް އަޅުގަނޑު ދެކެން،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ދެން އިޝާރާތް ކުރެއްވީ 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި އޭރު ވެރިކަން ކުރާ ޕީޕީއެމްއިން އަމަލު ކުރި ގޮތެވެ. ކޯޓު ދުވެރިކޮށް ދެ ފަހަރެއްގެ މަތިން އިންތިހާބު ފަސްކުރި ކަމަށާއި އެ ގޮތަށް ފަސްކުރީ އެންމެ ޕާޓީއެއް ކަމުގައިވާ ޕީޕީއެމްއަށް އިންތިހާބަށް ތައްޔާރުވެވިފައި ނުވާތީ ކަމަށް ބުނެއެވެ.

މި އަހަރު ކައުންސިލް އިންތިހާބު ބާއްވަން މަސައްކަތް ކުރާއިރު، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވިއިރު އެކަމާ މެދު ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެއެވެ.

އެ ކަމަށް ރައްދު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ 2017 ގެ ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވެސް އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލު ބަންދުގައި ނުވަތަ ރާއްޖެއިން ބޭރުގައި އަރުވާލައިގެން ތިއްބަވަން ޖެހުނު ކަމަށެވެ. މިއަދު އެންމެ ފަރުދަކު ޖަލުގައި އޮންނަވާތީ ކަންބޮޑުވުން ފާޅުކުރައްވާ ފަރާތުގެ ވެރިކަމުގައި އޭރު ވާދަވެރި ކޮންމެ ފަރުދެއް ގޮތަށް ޖަލުގައި ބަންދު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.