ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އެ އިންތިހާބުތަކުގެ ވަގުތީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ އެ އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެ ގޮތަށް އަދި ގެއްލޭނެ ގޮތަށް ގާނޫނު އަސާސީއާ ތައާރަޒުވާ ގޮތަށް ހުރި އިސްލާހުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ފާހަގަކުރެއްވި އެއް ނުކުތާއަކީ އެ ގާނޫނުގެ ސަބަބުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިދީފައިވާ ގާނޫނީ ބާރު ގެއްލޭ ކަމަށެވެ. އަދި މުޅި އިންތިހާބުގެ އިންތިޒާމުތައް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހާއި އެޗްޕީއޭއިން "ޑިކްޓޭޓް" ކުރާ ކަމަށެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އިންތިހާބާ ގުޅޭ ބައެއް މުއްދަތުތައް ކުރުކޮށްލަން ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައިވެއެވެ. އޭގެ ސަބަބުން މުޅި އިންތިހާބުގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމަށް އޭނާ ވިދަޅުވިއެވެ. އެއީ ފަހުން ކޯޓުގައި އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ދައުވާ ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި އިންތިހާބު ބާއްވާއިރު އިންތިހާބު ބާއްވަނީ ގާނޫނާއި އެއް ގޮތްވާ ގޮތުގެ މަތިންކަން ކަށަވަރު ކުރަން ޖެހޭ. އިންތިހާބުގެ މުއްދަތު ކުރުކޮށްލުމަކީ މުޅި އިންތިހާބަށް އަސަރު ކުރާނެ ކަމެއް. އެހެންވެ އަޅުގަނޑު ދެކެނީ އީސީއާ މަޝްވަރާކޮށް މުއްދަތު ކުރުނުކޮށް ކުރާނެ ގޮތެއް ހޯދަން ޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އިސްލާހުތަކުގެ ސަބަބުން އީސީއަށް އިންތިހާބު ބޭއްވުމަށް އޮންނަ ބާރުތައް އިތުރަށް ހަނިވާނެއެވެ. އަދި ކޮންމެ ފަހަރަކު ވެސް ފެންނަނީ އިންތިހާބުގެ ކަންކަން މަޖިލީހުގެ އެތެރެއިން "ޑިކްޓޭޓް" ކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އީސީއަށް އެ ކަމުގެ ފުރިހަމަ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިސްލާހުތައް ކުރިން ވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ "ނުފޫޒު އޮތް" އެޗްޕީއޭއިން އިންތިހާބުގެ ކަންކަމުގެ ތެރެއަށް ވަދެވޭ ގޮތަށް ކަމަށެވެ. އިންތިހާބުގެ އެތައް ކަމެއް މަޖިލީހާއި އެޗްޕީއޭއަށް ހަވާލުކޮށްފައި އޮތް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާހާ ހިނދަކު އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ.

"އެޗްޕީއޭއިން މިހާރު ރައްޖޭގައި ވެރިކަން ކުރާ ހެން ހީވަނީ. އިންތިހާބުގެ ކަންކަން ވެސް ފާޑަކަށް މިހާރު މި ހަވާލު ކުރަނީ އެޗްޕީއޭއަށް. މި ގާނޫނު އަސާސީއާ ހިލާފު ކަންކަން ހިމެނޭ އިސްލާހުތަކެއް،" ޝިޔާމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސިމްބެ) ވިދާޅުވީ ބިލްތައް ގެންނަން ވާނީ ވެސް ވަގުތު ސަލާމަތް ކުރެވޭ ގޮތަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން ކަމަށެވެ. އެކަމަކު މި ބިލް ގެނެސްފައިވަނީ އީސީއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް، އެ ކޮމިޝަންގެ ބާރުތައް ހަނިވެގެން ދާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބޭނުމަކީ އެ ކޮމިޝަނަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތު ވެސް ކުރެއްވިއެވެ.

"މި އިސްލާހުތަކާ މެދު އީސީއާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވޭ. ގާނޫނު އަސާސީގެ ހަތްދިހަ ވަނަ މާއްދާއަށް ހިލާފަށް މި ބިލް އެކުލަވާލާފައި ވަނީ. ގާނޫނުން ވަރަށް ބޮޑަށް އީސީއަކީ މިނިވަން މުއައްސަސާއެއް ކަމުގައި އޮތަސް އެ ބާރުތައް މި ގާނޫނުން ހަނިކުރޭ. ވަރަށް ގިނަ ރައްޔިތުންނަށް ވޯޓް ނުލުމުގެ ފުރުސަތު އެބަ ގެއްލޭ." ސިމްބެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވގ ޔނ

    ކޮބާ އަސްކެނިފެންބޮވޭ ވގ5އަހަރު ބީރުކަންފަތެތް ދީގެންތިބީ ލިބޭ ބޮޑުމަންފާއެއްގެ ބޭނުމުގަ އެހެން ބަޔަކު އުޅޭ ކަންވެސް ނޭގެ މިހާރު ކޮންވާހަކަޔެއްތޯ ދިދައްކަނީ އިންތިހާބޭ ތެލޭ ދަތްދޮޅިޔޭ ދޮންރިޔަޔޭ

    1
    3
    • ޒައިކް

      ކިތަންމެ ސައްޙަޔަސް ދެފުއްފެނުނަސް އިންތިޚާބުން ޖަލޭމެން ބަލިވެއްޖެއްޔާ އިންތިޚާބު ސައްޚަކަމަކަށް ނުވާނެ.. އޮޅުވާލީ ވައްކަންކުރީ ކިޔާނެ..ދަންނަ ވައްތަރެކެ..