ގދ. އަތޮޅު ފަޅު ރަށެއް ކަމުގައިވާ، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ބައެއް ކަންކަން ސާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ގދ. ހުޅުވާރުލުމުގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެންމެ ފުރަތަމަ ދައުވާކޮށް މި މައްސަލަތައް ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން ދައުވާތައް ބޭރުކޮށްލީ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެއެވެ.

އެ މައްސަލާގައި ދައުވާ ކުރި ފަސް މީހުންނަކީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

އެ ފަސް މީހުންނަށް ދައުވާ ކުރަން ހުށަހެޅީ ގައްދޫ ކޯޓަށެވެ. އެ މައްސަލައިގެ ކުރި ދައުވާތައް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލީ ދެ ދައުވާ ކުރަން ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށް ބުނެއެވެ.

ޕީޖީ އޮފީހުން ވަނީ، އެ މައްސަލަ ބޭރުކޮށްލުމުން އެމައްސަލަ އަލިން އިސްތިއުނާފު ނުކުރާނެ ކަމަށް ވިދާޅެވެފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރި ނަމަވެސް އެކަމަކު އެކަމާ ގުޅިގެން އަޅަންޖެހޭ އެހެން ފިޔަވަޅުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.

ކޯޓުން މައްސަލަ ބޭރުކޮށްލުން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. އެގޮތުން އެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމެޓީން ވަނީ މި މައްސަލައާއި ގުޅޭ ކަންކަން ސާފުކުރުމަށް ޕީޖީ ޝަމީމް ކޯޓަށް ހާޒިރުކުރަން ނިންމާފައެވެ.

މިގޮތަށް ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ގދ. އަތޮޅުގެ އެ ފަޅު ރަށުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސްއެވެ. އެ ތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާގެ އަރައެވެ.