އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލްތަކުގެ ވަގުތީ ނުވަތަ ސަންސެޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ބަލައިގެންފިއެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހް މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެނެވެ. ދެން އެ އިންތިހާބު ބާއްވަން މަސައްކަތް ކުރީ މި އަހަރު މާޗު މަހަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގުދަންމާލުމުން އެ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ނިންމިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިގާބު ބޭއްވޭނެ ޖާގަ ދިނުމާއި، އިންތިހާބުތަކާއި ބެހޭ ގާނޫނާއި، ލާމަރުކަޒީ ގާނޫނުގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ބަދަލު ގެނައުމާއި، އިންތިހާބު ބާއްވާނެ ތާރީހް ކަނޑައަޅައި، އިންތިހާބު ބޭއްވުމުގެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން ހިމެނެއެވެ.

އީސީއިން މިހާރު ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ.