ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އިގްތިސާދީ އަދި މާލީ ތަދުމަޑުކަމެއް ވެސް ކުރިމަތިވެފައިވާ މި ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން މަސައްކަތް ކުރާތީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސައްލެ ވިދާޅުވީ، މި ހާލަތުގައި އިންތިހާބު ބޭއްވޭނީ ވެސް ސިއްހީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އެ ފިޔަވަޅުތައް އަޅަން ޖެހޭނަމަ އިތުރު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސައްލެ ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރަން ޖެހޭ ކަމަށާއި އެކަމަށް 3.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ސައްލެ ވިދާޅުވިއެވެ. ކޮންމެ ކިއުއެއްގައި ތިބޭ ވޯޓުލާ މީހުންގެ ފިނި ހޫނު މިން ބެލުމަށް ތާމޯމީޓަރު ބޭނުންވާއިރު އެ ކަމަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 600 އޮފިޝަލުން މަސައްކަތް ކުރާނެ ކަމަށާއި އެއިން ކޮންމެ މީހެއްގެ ޕާސަނަލް ޕްރޮޓެކްޓް އިކުޕްމަންޓް (ޕީޕީއީ) އަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސުވާލަކީ މިހާ ތާށި، މިހާ ދަތިި ދަނޑިވަޅެއްގައި [އަދި] އަސާސީ ކަންކަމަށް ފައިސާ ނުލިބޭ ވަގުތެއްގައި ހަމަ ކޮންމެހެން މި ހަރަދުތައްކޮށްގެން މި އިންތިހާބު ބޭއްވުން މުހިންމުތޯ؟،" ސައްލެ ސުވާލު ކުރެއްވިއެވެ.

އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފައްސިވެއްޖެނަމަ އަދި މެންބަރުން ކަރަންޓީނުވެއްޖެނަމަ ދެން ހަދާނެ ގޮތަކާ މެދު ވެސް ސައްލެ ސުވާލު އުފެއްދެވިއެވެ. އަދި ވޯޓްލާ މަރުކަޒުގައި ތިބޭ އޮފިޝަލުން ކަރަންޓީނު ވާން ޖެހޭނަމަ ދެން އަމަލު ކުރާނެ ގޮތަކާ މެދު ވެސް ސައްލެ ސުވާލު އުފެއްދެވިއެވެ. އިންތިހާބުގައި އަމަލު ކުރާނެ ގައިޑްލައިނެއްގެ ވާހަކަ އިސްލާހުތަކުގައި އޮތަސް އެއީ "ލޮލަށް ނުފެންނަ" ގައިޑްލައިނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި ކައުންސިލް އިންތިހާބުގައި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް 51 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، 70 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިގެން ނޫނީ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އެކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ހާލަތު އޮތުމުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތަކަށް ދާނެ ހަރަދުތަކަށް ރިއާޔަތްކޮށެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން މަސައްކަތް ކުރި އިންތިހާބު ފަސްކުރަން ޖެހުނީ ވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުންނެވެ. އެއަށް ފަހު މި އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީީސީއިން މިހާރު ނިންމާފައި އޮތީ އޭޕްރީލް މަހު އިންތިހާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމި

    މިހާލަތުގަ މިސަރުކާރުގެ މުއައްސަސާތަކުން ވަގައް ނަގާފައިވާ ފައިސާތައް ހޯދަން ނުކެރިގެން ތިއުޅެނީ ކީއްވެކަން ރައްޔިތުންނައް ބުނެދީބަލަ...

    17
  2. މަސްއޫދު

    ސައްލެ ކައުންސިލް އިންތިޚާބު ބާއްވާތީ ކަންބޮށުތިވަނީ މިހާލަތުގައި މަޖިލިސްގެ ޖަލްސާތައް ބާއްވައި މަޖިލިހުން މެންބަރުންނަށް ކާންދީ،ބޯންދީ ހަދާތީ ކަންބޮޑުނުނވަނީ ކީއްވެތަ!

    18
  3. ޙ

    ޙެސްކިޔައިފައި ގެސްޓުން އަންނަކަމަށް އިސތިހާރުކުރެ. ކީއްވތޯ ފައިސާނެތީ . މީ އެޖެނޑާ 19 ގައި ނުބައިކަން . ދެންވެސް އިސްލާހުވެބަލަ.

  4. އަރީ

    ސައްލެ އަގަނރުވ. މީރައްޔިތުންގެ ހައްގެއް