މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ވެސް އެންމެ ގިނަ މީހުން ފައްސިވީ ރިސޯޓްތަކުންނެވެ. ރިސޯޓްތަކުން 28 މީހުން މިއަދު ފައްސިވިއެވެ. މިއަދު މާލެ 19 މީހަކު ވަނީ ފައްސިވެފައެވެ. އޭގެއިތުރުން މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން ތިން މީހުން އަދި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3003 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 35 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވުިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 917 އަށް އަރައެވެ. އޭގެތެރެއިން 68 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 14513 އަށް އަރައެވެ. އޭގެތެރެއިން 13540 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. 49 މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައިވެއެވެ. އެންމެފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ މިމަހުގެ 07 ވަނަ ދުވަހުއެވެ.