ޚިޔާލު ތަފާތުވުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފިޠުރަތާ ޚިލާފުކަމެއް ކަމަށާއި އެކަމަކުން ކާމިޔާބެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ. ޝަމީމްގެ ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ ބުއްދިވެރި ގޮތަކީ، ރަނގަޅަށް ޚިޔާލު ތަފާތުވާނެ މާޙައުލެއް އުފެއްދުމެވެ. އެއީ ޚިޔާލު ތަފާތުވުމުގެ ތެރެއިން، ކަންކަމަށް ޙައްލު ހޯދައިގެން، ބޮޑު މަންޒަރަށް، ބޮޑު އަމާޒަށް، ވާޞިލުވާނެ މަގެއް ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޚިޔާލަކީ އަބަދުވެސް ބަދަލުވާ އެއްޗެކެވެ. އެހެންކަމުން، ޚިޔާލު ތަފާތުވުމަކީ އޭގެ ޒާތުގައި ވަގުތީ ކަމެއް ކަމަށާއި އެއްވެސް މީހަކު، މީހަކާ ޚިޔާލު ތަފާތުވަނީ، އެއީ ވަކި މީހެއްގެ ޚިޔާލަކަށް ވީތީނަމަ، އެމީހަކު އަދި ތަޞައްރަފެއް ނުފުދޭ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިސްލާމީ ތާރީޚަށް ބަލާއިރު، ޚިޔާލު ތަފާތުވުމަކީ އިސްލާމީ ފިޤުހު ބިނާވެފައި އޮތް އެންމެ މުހިންމު އަސާސް ކަމަށެވެ. "އިސްލާމީ ފިޤުހު ތަރައްޤީވެ ކުރިއަރައިފައިވަނީ ޚިޔާލުތަފާތުވުމުގެ މާޙައުލެއްގެ ތެރެއިންނެވެ. ޝާފިޢީ މަޒްހަބު އެޢިލްމުވެރިއަކަށް ނިސްބަތްވާ ޝާފިޢީގެފާނު، ޢިރާޤުގައި ހުންނެވިއިރު ދެއްވި ރައުޔުތަކާއި، މިޞްރުގައި ދެއްވި ރައުޔުތައް ތަފާތެވެ. އެކި ސަބަބުތަކާހުރެއެވެ. އެކި މަޛުހަބުތަކުގެ މެދުގައި ޚިޔާލު ތަފާތެވެ. މަޛުހަބު ތަކުގެ ތެރޭގައިވެސް ޚިޔާލު ތަފާތެވެ. އެކަމުން އިސްލާމް ދީނަށާއި އިސްލާމީ ފިޤުހަށް ލިބުނީ ކުރިއެރުމެވެ. މަޛުހަބީ ޚިޔާލު ތަފާތުވުންތަކާއެކުވެސް ބަދަލު ނުވަނީ މައިގަނޑު އުޞޫލުތަކެވެ. ޕްރިންސިޕަލް ތަކެވެ. އެއީ ބަދަލުވާނެ އެއްޗެއް ނޫނެވެ." ޝަމީމް ވިދާޅުވިއެވެ.

މުޖްތަމަޢެއްގައި ދިރިއުޅޭއިރު، ޚިޔާލުތަފާތުވާ މީހުންނާ އަބަދުމެ ދިމާވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަޅުގަނޑުމެން ބަލަންވީ ޚިޔާލު ތަފާތުވާ ކަންކަމާއި ޚިޔާލު އެއްގޮތްވާ ކަންކަން ދެނަގަނެ، އެކަންކަމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމެވެ.

"މިސާލަކަށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާ އަޅުގަނޑާ ވަރަށް ގިނަ ކަންކަމުގައި ޚިޔާލު ތަފާތެވެ. ނަމަވެސް، އަޅުގަނޑުމެން ދެމީހުން ޚިޔާލު އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެއްކަމަކީ، ފަތިހާ ހޭލައިގެން މުރާލި ކޮށް މަސައްކަތް ކުރަންޖެހޭކަމެވެ. ދެވަނަ ކަމަކީ، ކުށް މަދު ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެވެ. ތިންވަނަ ކަމަކީ، ޤަބޫލުކުރާ ހަމައެއްގައި ސާބިތުވެ ހުރުމެވެ. އަޅުގަނޑުމެން ދެމީހުންގެ ޚިޔާލު ތަފާތުވާ ކަންކަމަކީ މިދެންނެވި ކަންކަން ތަންފީޛުކުރަން ކުރާނެ ކަންކަމާ މެދުއެވެ. އެތަފާތުގެ އަސާސަކީ ދެމީހުންގެ ފަންނީ ފަސްފަހަތް ކަމަށްވެސް ވެދާނެއެވެ. ޢުމަރު ނަޞީރަކީ މިލިޓަރީ ތަމްރީނުގެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އަޅުގަނޑުގެ އެކަހަލަ ތަމްރީނެއް ނެތެވެ. ދެމީހުންކުރެ ރަނގަޅީ ކާކުގެ ގޮތެއްކަމެއް އަދި ނޭނގެއެވެ. އަޅުގަނޑު ޢުމަރު ނަޞީރަށް އިޙްތިރާމް ކުރަމެވެ. ޚިޔާލަށްވެސް އިޙްތިރާމް ކުރަމެވެ. ނަމަވެސް، އިންތިހާއަށް ޚިޔާލު ތަފާތެވެ. އެއީ ޚިޔާލެވެ. މީހާއެއް ނޫނެވެ." ޝަމީމް ލިޔުއްވާފައި ވެއެވެ.

ޝަރުޢީ ދާއިރާގައި ޚިޔާލުތަފާތުވުން އޮންނަންވީ ގޮތް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓާއި ހައިކޯޓުން މައްސަލަ ބަލަންވަނީ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށާއި “އެމަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު އޭނާގެ ޙުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެ” ކަމަށް ޤާނޫނުގައި ބުނެފައި އެބައޮތް ކަމަށެވެ.

ކޯޓުތަކުގެ ޤާނޫނުގެ މަޤްޞަދަކީ، ފަނޑިޔާރު، އެނިންމުމަށް ވާޞިލުވިގޮތް ކޮންމެ ފަނޑިޔާރަކު ވަކިން އިއްވުންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ޚިޔާލު ތަފާތުވާން ހިތްވަރު ދިނުމެވެ. އަދި ޚިޔާލުތަފާތުވިޔަސް، ޙައްލު ހޯދޭނެކަން ދައްކުވައި ދިނުމެވެ.

"މިހާރު، ހަމަ ކޮންމެ މައްސަލައެއްގައި ކޮންމެ ފަނޑިޔާރަކު، އެފަނޑިޔާރަކަށް ފެނިވަޑައިގަންނަވާ ގޮތެއް އެއޮއްދަނީ ލިޔުއްވަމުންނެވެ. ޚިޔާލު ތަފާތުވެ، އިޙްތިރާމާއެކު މަސައްކަތް ކުރެވޭކަން އެދައްކަވަނީ ޢަމަލީ ގޮތުން ދައްކަވަމުންނެވެ. އަޅުގަނޑަށް ބައެއް ފަހަރު ޤަބޫލުނުކުރެވޭ ނިންމުންތައްވެސް ނިންމަވައެވެ. އެއީ ޠަބީޢީ ކަމެކެވެ. އަޅުގަނޑުގެ ޚިޔާލު، ފަނޑިޔާރުންނާ ތަފާތީއެވެ. އަޅުގަނޑުމެންނަކަށް އެކަމަކުން އޮޅުމެއް ނާރައެވެ. ދާއިރާއަށް ލިބެނީ އިތުރު ކުރިއެރުމެވެ. ފަނޑިޔާރުންގެ ވިސްނުންފުޅު ހުރިގޮތާއި ޤާނޫނީ ކަންކަން ކުރިއަށް ގެންދަންވީގޮތް ސާފުވެއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޚިޔާލުތަފާތު ވުމަކީ އޭނާ ހިތްވަރުދޭ ކަމެކެވެ. "ޚިޔާލެއް ނެތީވިއްޔާ ޝަޚްޞިއްޔަތެއްވެސް އޮންނާނެއެކޭ އަޅުގަނޑު ހިތެއް ނުބުނެއެވެ. އަޅުގަނޑު އެދެނީ، އަޅުގަނޑު ކުރާ ކަމަކާ ޚިޔާލު ތަފާތުވާށެވެ. ޚިޔާލާއި ޚިޔާލު ތަޅާނީއެވެ. މީހުން، އެކަކު އަނެކަކާ ތަޅާނެ ކަމެއް ނެތެވެ. މިތަފާތު ދެނެގަންނަންވީއެވެ." ޝަމީމް ލިޔުއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސީނާ

    މިފަހަރު ތިޔަ ވިދާޅުވެވުނީ އޮޅިގެންވިޔަސް ރަގަޅު ވާހަކައެކެވެ. ރައްޖޭގައި މީހާރު މިއޮތް ސަރުކާރަކީ ސަރުކާރާ ޚިޔާލުތަފާތުވާމީހުންނާ މީޑިޔާއެއްވިޔަސް ފާރަލައިގެންވިޔަސް ހޯދައި އެފަދަ ފަރާތްތަކާ މީޑިޔަތައް ކަސްތަޅު އެޅުވުމެވެ.

    12
  2. މަސްއޫދު

    އެކިމީހުނާ ތަފާތު ކުރުމަކީ(އެކިފަރާތްތަކާށް ދައުވާކޮށް ހަމައެއްސަލައެއްގެ ތަފާތުކުރުމަކީ) ފިތުރަތާ ޚިލާފުކަމެއްނޫންބާ!

  3. މާމީ

    ކަލޭމެންގެ ފަނާކުރަނިވި ޚިޔާލާ ތަފާތުވެފަ އަދި އުތަމަޔާ އެން ޑީ އެންގެ ޚިޔާލަ ފިކުރު ތަފާތުވާތީ ކުރީގެ ރައީސް ޔާމީން ޖަލައްލައިގެން ނުއުފައްދަވާ މައްސަލަތައް އުފައްދަވާ ދައުވާ ތިކުރައްވަނީ....

  4. ކަނަމަނަ

    ތިޔަހުރިހާ ފިގުހެއްއެގިހުރެމެ ޔަހޫދީ ގޮތްގަޑު ތިގެންގުޅެނީ

  5. ޔސރ

    ފިޠުރަތާ އެއްގޮތް ވެގެން ތޯ ﷲ އެއްކައުވަންތަ ކޮށް ކިޔަމަންވާ ހަނީފިއްޔަތުގެ ދީން ފިޔަވާ އެހެން ބާތިލު ދީންތަކާ ފިކުރު ތައް ވެސް ރަނގަޅު ކަމަށް ދެކެނީ
    މިއީ ފިތުރަތުގަ ލެއްވިގެންވަ އެންމެ ބޮޑު ހަގީގަތް

  6. މުޙައްމަދު

    ޥަރަށް ސާފު ސީދާ ވާހަކައެއް.

  7. ބެއްޔާ

    ޚިޔާލު ތަފާތުވިޔަސް އިސްލާމްދީން ނޫން އެހެން ދީކަނަށް މިފަސްގަނޑުގަ ޖާގައެއް ނޯންނާނެ.
    އެމްޑީއެން ގެ ފިކުރު ކުރިއެރުވުމުގެ މަގްސަދުގައި އެފިކުރު ގެނުވަން މަސައްކަތް ކުރުމަކީވެސް ތަސައްރަފް ނުފުދޭކަމެއް.

    10
  8. އިބްރާ

    ފިތުރަތާއި ދެކޮޅުކަމެއް. ނަމަވެސް މަނިކުފާނު ބައްލަވަނީ ޚިޔާލު ތަފާތުވާމީހާ ޖަލުގައި ބެހެއްޓޭތޯ. މުނާފިގުވައްތަރު. ބަހާއި އަމަލު މަޝްރިޤާއި މަޣްރިބާއި ހައިދުރުކޮށް އުޅެނީ.

  9. ހުސޭނުބޭ

    ވަގުންނާއެކު ޑީލްހެދުމަކީ ކޮންކަހަލަ ކަމެއް!

  10. އައްޔު

    ކީކޭތޯ ބުނަންމިއުޅެނީ ކުރިންވެސް މިހާރުވެސް ދެމީހެއްގެ ޚިޔާލަކީ ތަފާތު އެއްޗެއް މީކީ ޕީޖީ ސަމީމް ޑެފިނިޝަންދޭންޖެހޭ ވަރުގެ ކަމެއްތޯ؟ ސުވާލަކީ މީކީއްވެގެން މިހާރު ދައްކާވާހަކައެއްތޯ؟ ރައްޔިތުންނޭ ވިސްނާ މީ ކުޑަކުޑަ މިންވަރެއް ޕިއްޗަރު އަބީ ބާކީހޭ!

  11. ޙާލަތު

    މައްސަލައަކީ ތިޔަ ވިދާޅުވި ޕްރިންސިޕަލްސްތަކާ ދިމާ އިދިކޮޅަށް މަސައްކަތް ކުރުމުގެ ދޮރުތައް ހުޅުވާ އެކަމަށް މަގުފަހި ކުރައްވާތީއެވެ. އެމްޑީޕީއާއި އެމްޑީއެންއާއި އުތެމަ ފަދަ ތަންތަނުން އެމަގަށް މަސައްކަތްކޮށް އެކަމުގެ ދޮރުތައް ހުޅުވުން މައްސަލައަކީ... މައުމޫނަކީވެސް ސީދާ އެ ޕްރިންސިޕަލްސްތަކާއި ދެކޮޅަށް މަސައްކަތްކުރި ޚާއިނެއް. ތަޅަން ޖެހިއްޖެނަމަ ޚިޔާލާ ޚިޔާލާވެސް މީހުނާ މީހުންވެސް ތަޅަންޖެހޭކަންވެސް އިސްލާމީ ތާރީޚުން އޮތީ ފެންނަން.

  12. އަޙްމަދު

    އުސްތާޛް ޝަމީމް ގެ ވާހަކަފުޅު ވަރަށް ރަނގަޅު އެކަމް މައްސަލައަކީ ކަމުގެ އަޞްލު ތިގޮތުގެ މަތީގައި ބިނާވެފައި ވީނަވެސް މިއަދު ގައުމު ހިންގަން ތިބި ފަރާތް ތަކަށް ތިކަން ތިގޮތަށް ހަޖަމް ކުރަން އަދި ތިފަދައިން ކަން ކަން ނިންމަށް ކުރަކި ކަމެެއް ހުރުމެވެ. ޚިޔާލު ތަފާތުވާ މީހާއަކީ އެއީ ވަޒީފާއެއްގަ ހުރި މީހަކު ނަމަ ވަޒީފާއިން ވަކި ކޮށްލަނީއެވެ. ނޫނީ އެހެން ކޮންމެވެސް ގޮތަކުން އޭނާއަށާއި އޭނާގެ ދިރިއުޅުމަށް ހުރަސްތަކެއް ކުރުވަނީއެވެ. މިއީ ހިތާމަ ހުރި ކަމެއް
    ޚިޔާލު ތަފާތުވާ ކުއްޖާ ކުލާހުން ނެރެލުމަކީ ޓީޗަރުގެ ނާގާބިލްކަން ދައްކުވައިދޭ ކަމެއް، ހަމަ އެހެންމެ ޚިޔާލް ތަފާތުވާ މީހާ ވަޒީފާއިން ވަކިކޮށް ނޫނީ ވަޒީފާއިން އަމިއްލަ އަށް ވަކިވެގެން ދާން މަޖުބޫރު ހާލަތަށް އޭނާއަށް ކަން ކަން ދަތިކޮށް ކަން ކުރުމަކީ އޭރަކު އޮތް ސަރުކާރާ ވެރިންގެ ނާގާބިލްކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް،
    އަޅުގަނޑަކީ ޤާނޫނީ ޝަރުޢީ ދާއިރާގައި 12 އަހަރު މެދުކެނޑުމެއްނެތި ވަޒީފާގަ އުޅެމުން އައި މީހެއް،
    ވަޒީފާއިން ވަކި ކޮށްލީ ޤާނޫނީ އެއްވެސް ބަރުދަނެއް ނެތް ސަބަބުތަކުގެ މައްޗަށް ސިޔާސީ މަންފަޢުއެއް ޙާސިލްކުރުމަށް އެކަމް ސަރުކާރަށް ބަރުހިތެއް ނެތް، ސަރުކާރަށް ބުނެލަން ބޭނުންވަނީ ސަރުކާރުގެ އެންމެހައި މުވައްޒަފުން އެއީ ސަރުކާރުން ކުރާ ހުރިހާ ކަމެއްގަ ޚިޔާލް އެއްގޮތް ވާންޖެހޭ ލާޒިމް ބައެއްކަމަށް ނުބައްލަވާށޭ، އެ ޚިޔާލް ތަފާތުވާ މުވައްޒަފުންނަށްވެސް ވަޒީފާގަ އުޅުމުގެ ޙައްޤާ އެ ވަޒީފާއިން ލިބޭ އާމްދަނީން ޢާއިލާގަ ދިރިއުޅުމުގެ ޙައްޤު އެއީ ޤާނޫން އަސާސީން ކޮންމެ ދިވެހި ފަރުދަކަށް ކަށަވަރުވެފައިވާ ޙައްޤެއްކަން ދެނެވަޑައިގެން ކުރިއަށް ވަޑައިގަންނަވާށޭ

  13. ހޮޅޭ

    ފޮތް ކިޔާށޭ

  14. ލލ

    ޕީޖީ " ގޮއްދޫކޮށް " ފިޔަގަޑު ތިރިކުރީތޯ ؟

  15. ފޫހި

    މީނާ ދައްކަން މިއުޅެނީ އެމްޑީއެން ގެ ވާހަކަ. މިއީ މިފަދަ މަގާމަކަށް ކުފޫހަމަވާ މީހެއްނޫން