ގދ. ތިނަދޫގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ ރަށުން ފައްސިވެފައި ވަނީ ބިދޭސީ ޓީޗަރެކެވެ. އޭނާއަކީ ރާއްޖެ އިން ބޭރުގައި ހުރެފައި ކަރަންޓީނަށް ރަށަށް ދިޔަ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިދޭސީ މީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަވެގެން ހެދި ޓެސްޓްގެ ނަތީޖާ ފައްސިވެގެންނެވެ.

ތިނަދޫ ހޮސްޕިޓަލުން ބުނީ އެ ރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލުތަކަށް ފުރިހަމަ އަށް އަމަލު ކުރުން މުހިންމު ކަމަށެވެ.

ތިނަދޫގައި މީގެކުރިން ކަރަންޓީންގައި ތިބި ބައެއް މީހުން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވި އިރު، މި ބަލި ޖެހިގެން ނިޔާވެފައި ވަނީ 49 މީހެކެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު