ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބަށް ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ސިވިލް ކޯޓަށް ހުށަހަޅަން އުޅުނު މައްސަލަ އެ ކޯޓުން ބަލައިނުގަތް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ސިވިލް ކޯޓު ކުރިމަތީ ނޫސްވެރިންނާ ބައްދަލު ކުރައްވައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމާފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެ މައްސަލަ ބަލައިނުގަންނަން ނިންމީ ކީއްވެގެން ކަން ސާފު ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އިދިކޮޅު ހަމައެކަނި ދެ ޕާޓީގެ ފަރާތުން އެ ޕާޓީގެ އެތައް ސަތޭކަ ކެންޑިޑޭޓުންގެ ހައްގުތައް ގެއްލޭތީ ހުށަހެޅި މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލައިނުގަތުމުން ހާމަވި ކަމަކީ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު މިއަދު ނުލިބޭނެ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރުފަހު 1:00 ޖަހާކަށް ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ. ކެމްޕޭން ކުރުމުގެ ފުރުސަތު ކަމާ ބެހޭ މުއައްސަސާތަކުން ދީފައިނުވާތީ ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލިޔަސް އެ ފުރުސަތު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެފައި ވާތީ ދަތުރުފަތުރު ކުރުން ކޮންމެވެސް ވަރަކަށް ހިފަހައްޓައި، ކަރަންޓީނު ވުމުގެ އުސޫލުތަކެއް އެކުލަވާލާފައި އޮންނާތީ މާލޭގައި ތިބި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނަށް ރާއްޖޭގެ ރަށްރަށަށް ދަތުރު ނުކުރެވޭތީ އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުން އިތުރަށް ބޮޑުވެފައިވާ އަނެއް ސަބަބަކީ ދައުލަތުގެ ފަރާތުން ބާއްވާ އެކި ރަސްމިއްޔާތުތަކަށް ރަށްރަށަށް ސަރުކާރުގެ އިސް ބޭފުޅުންނަށް ވަޑައިގަނެވޭތީއެވެ. އެއީ އެޗްޕީއޭއިން ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުންނަށް ކަނޑައަޅާފައިވާ އޮންނަ ޚާއްސަ އުސޫލެއްގެ ތެރެއިންނެވެ.

ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވަމުން ގެންދަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ވެސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯމިޔޯ

    ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވަމުން ގެންދަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ކުރަންވީ ތުހުމަތެއްނުން.ޔަގީން ކުރަންވީ.މިހާރުވެސް ފެނަކަ ސައީދުމެން އެދަނީ ހުއްޓާނުލާ ހުވަދު އަތޮޅުގަ ކެމްޕޭން ކުރައްވަމުން.ގައިދުރުކަމެއް މާސްކު އެޅުމެއްނެތް.ރޭގަވެސް ސަރުކާރުގެ ބޮޑު ގުރޫޕެއް ހުވަދު އަތޮޅަށް އައިއްސި.ތިނަދޫއަށް ފޭބި އިރު މާސްކުވެސް ނާޅާ ތިބީ.ކޮވިޑޭ ކިޔައިގެން މީ އޮޅުވާލުމެއް.ދައުލަތުގެ ބަޖެޓް ދިރުވާލާ ކެމްޕެއިން ކުރަން ރާވާފައިއޮތް ރޭވުމެއް.

    2
    2
  2. ބޮކި

    ތަމެން މާރަގަޅެއް ނޫން ތިކަހަލަ ވާހަކަ ދައްކާކަށް !

    2
    5
  3. ކޮލި

    ތަމެން މާރަގަޅެއް ނޫން ތިކަހަލަ ވާހަކަ ދައްކާކަށް !

    4
    4