މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި ދައުވާކުރި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކުރި ހުކުމް އޭނާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ލ. ގަމު ތުނޑި، ހުރަވީ، ޝީރީން މަރާލި މައްސަލައިގައި ދައުވާ ކުރީ ލ. ކަޅައިދޫ، އޯސަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށެވެ. ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލުމަށް ހައި ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި މައްސަލާގާއި ނަޖާހުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރީ ޑިސެމްބަރު 20، 2009 ވަނަ ދުވަހުން ފެށިގެން މ. ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުމުގެ ތެރޭގައި ނަޖާހު، ޝީރީން މަރާލާފައިވާ ކަމަށް ބުނެއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މ. އަންގާގިރި ކިޔާ ގޭގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި އެވެ. އޭނާ ފެނިފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ނަޖާހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މި މައްސަލައިގައި ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2015 އަހަރު ހުކުމް ކުރުމާ ގުޅިގެންނެވެ. މި މައްސަލައަކީ ކޯޓުގެ އެކި މަރުހަލާތަކުގައި ވަރަށް ގިނަ ދުވަސްވެފައި އޮތް މައްސަލައެކެވެ.