ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއެކު މަޝްވަރާކުރައްވައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ކޮވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވަމުން ދިއުމާ ގުޅިގެން، މިކަމަށްޓަކައި އައްޑޫ ސިޓީން ތައްޔާރުވެފައިވާ މިންވަރާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެގޮތުން ބަލާ އިރު ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭއީއެޗްގައި ޓްރައޭޖް ނިޒާމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިންސާނީ ވަސީލަތްތަކުގެ ދަތިތަން ހުރުމާއެކު، ޓްރައޭޖް ހެދުމަށް ވޮލަންޓިއަރުން ނެގުމާއި، ވޮލަންޓިއަ ކުރައްވާ ފަރާތްތަކަށް އިނާޔަތް ދިނުމާ ގުޅޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެއިތުރުން ކޮވިޑް-19 އަށް ހޭލުންތެރިވެ، މި ބަލިން ރައްކާތެރިވުމަށް އޭއީއެޗް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ހަވާލު ކުރެވުނު މަޝްރޫއަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި، އެ މަރުކަޒުން އެކްސްރޭ އާއި ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.

އަދި އައްޑޫ ސިޓީ މަރަދޫފޭދޫ ދަމަނަވެށީގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން ސްޕީޗް ތެރަޕީ ފަދަ ޚިދުމަތްތައް ފެށުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.