އައްޑޫ ސިޓީއާ ދިމާލުން ބޭރުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓެއްގައި ހުރި ބިދޭސީއެއްގެ ހާލު ދެރަވެގެން އެ ސިޓީ އަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ އައްޑޫގެ ދެކުނުން 311 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދިޔަ "އެމްވީ ފެންގް ލޫ" ނަމަކަށް ކިޔާ އާގު ބޯޓެއްގައި ހުރި މީހަކު ހާލު ދެރަވެގެން އަވަސް ފަރުވާ ދޭން އެދިފައިވުމުން އެމްއެންޑީއެފުން އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހާލު ދެރަވީ އުމުރުން 25 އަހަރުގެ އިންޑޮނޭޝިއާ ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހާގެ ހާލު ދެރަވެގެން އަވަސް ފަރުވާ އަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު އައްޑޫ ސިޓީ އަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު 12:20 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިެއވެ.

އެމީހާ އަށް ދިމާވީ ސީދާ ކޮން ކަމެއް ކަން އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.