ދައުލަތު ހަތަރުވަނަ ބާރު ކަމަށް ބުނާ މައުލޫމާތާއި ޚަބަރު ފެތުރުމުގެ ދާއިރާއަކީ ރާއްޖޭގައި ނިސްބަތުން ގިނަ ބަޔަކު ހަރަކާތްތެރިވާ ދާއިރާއެކެވެ. އެގޮތުން ޓީވީއާއި ރެޑިއޯ ޗެނަލްތަކުގެ އިތުރުން އޮންލައިން ނޫސްތަކަކީ ވެސް ރާއްޖޭގައި މަގުބޫލުކަން ބޮޑު ދާއިރާއެކެވެ. ގިނަ އޮންލައިން ނޫސްތަކެއް ރާއްޖޭގައި މަސައްކަތް ކުރަމުންދާއިރު އޭގެ ތެރޭގައި ހިމެނޭ "ދެން" އަކީ ކުރު މުއްދަތެއްގެ ތެރޭގައި މަގުބޫލު ކަމެއް ހޯދި ނޫހެކެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުންނާ ހަމަޔަށް ގެނެސްދިން "ދެން" ވަނީ އެ ނޫހުގެ ހަޔާތުގެ ހަވަނަ މަހުގައި ރާއްޖޭގެ ކިޔުންތެރީންގެ މެދުގައި އެންމެ މަގުބޫލު 6 ވަނަ ނޫހުގެ މަގާމު ހޯދާފައެވެ. އަދި އޭގެ ދެ މަސް ފަހުން "ދެން" ވަނީ ސިމިލަރވެބްގައި ރާއްޖޭގެ އެންމެ މަގުބޫލް 5 ވަނަ މަގާމު ހޯދާފައެވެ. އަދި އެ ނޫހުން ދަނީ އެ މަގާމު ދަމަހައްޓަމުންނެވެ.

"ދެން"ގެ ވޭތުވެދިޔަ އެއް އަހަރާ ގުޅޭ ގޮތުން އެ ނޫހުގެ ސީއީއޯ މުޙައްމަދު އަރީޙް ވަނީ "ވަގުތު" އާ ވާހަކަ ދައްކާފައެވެ.

"ދެން" އަށް ވަނީ އަހަރެއް ފުރިފައި -- ފޮޓޯ/ނުޒުހާ

އަރީޙް ބުނީ "ދެން" ގެ މި ކާމިޔާބީއަކީ އެ ނޫހުގައި ވޭތުވެދިޔަ އެއް އަހަރު މަސައްކަތް ކުރި އަދި މިހާރު ވެސް ކުރަމުންދާ ލިޔުންތެރީންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށާއި ޚާއްޞަކޮށް ކޮވިޑްގެ ނާމާން ޙާލަތުގައި ލިޔުންތެރީން ކުރަ ބުރަ މަސައްކަތާއެކު ކިޔުންތެރީން ދެއްވި އިތުބާރާއި ޝައުގުވެރިކަމަކީ އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައި އަރީޙް ބުންޏެވެ.

"ދެންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކިޔުންތެރީން ދެއްވާ ތަރުޙީބާ ކުރައްވާ އިތުބާރު، އެއީ ނޫސްވެރިން ވެސް މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ" އަރީޙް ބުންޏެވެ.

އޭނާ ބުނީ ނޫސް ހިންގުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިތައް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި މި މައްސަލަ ވެސް ޙައްލު ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"އެހެން ނޫސްތަކެކޭ އެއްފަދައިން ދެން އަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ، އެކަމަށް ޙައްލު ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން" އަރީޙް ބުންޏެވެ.

އަރީޙް ބުނީ ކުރިއަށް އޮތް އަހަރަކީ ދެން އަށް އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދޭނެ އަހަރަަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެގޮތުން ނޫސްވެރީން އެކަމުގައި ބުރަކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.