ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލެ ފިޔަވަތި މަރުކަޒަށް މެއިންޓަނެންސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ހޯދުމަށް ޖެންޑާ މިނިސްޓްރީން އެމްއޭސީއެލްއާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން އެ މަރުކަޒުގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ބައެއް ތަކެތި މަރާމާތުކޮށް، ސަރވިސްކޮށް ބެލެހެއްޓުމާއި ޢިމާރާތުގައި ބޭނުންކުރެވޭ ބޮކި ލެޑް ލައިޓަށް ބަދަލުކުރުން ހިމެނެއެވެ.

މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ. އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކިއުޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑްން އެންޑްރިއު ސްޓުވަރޑްއެވެ.

ފިޔަވަތި މަރުކަޒުގައި މި ވަގުތު 13 އަހަރުން ދަށުގެ 119 ކުދިން އަންނަނީ ދިރިއުޅެމުންނެވެ.