އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ކޮޓަރީގައި ރޯވިއިރު، އެތަނުގައި ހުރީ ކޮވިޑް-19 ޖެހިގެން އެކަހެރިކޮށްފައި ހުރި ފަތުރުވެރިއައެއްކަން "ވަގުތު"އަށް އެނގިއްޖެ އެވެ.

މިއަދު މެންދުރު ހިނގި އެ އަލިފާނުގެ ހާދިސާގައި މުޅި ކޮޓަރި އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އަނދާފައެވެ. އެމްއެންޑީއެފް އިން އާއްމު ކުރި ފޮޓޯތަކަށް ބަލާއިރު، އެތަނުގައި ބައެއް ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުންވެފައި ވެއެވެ. އޭގެ ތެރޭގައި ޓީވީ އައި ލެޕްޓޮޕް ހިމެނެެއެވެ. މީގެ އިތުރުން ކޮޓަރީގެ ސީލިންގ އާއި ގޮދަޑިއަށްވެެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ކޮޓަރީގައި އަލިފާން ރޯވާން ދިމާވީ އޭސީގެ ކަރަންޓް ސޯޓް ވެގެންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މިއަދު 14:15 ހާއިރު އެ ރިސޯޓުގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާއިރު، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މި ހަދިސާ ހިނގިއިރު، ކޮޓަރީގައި ހުރީ ފިރިހެން ފަތުރުވެރިއެކެވެ. އަދި އޭނާއަކީ ކޮވިޑް-19 އަށް ފައްސިވުމުން އެކަހެރިކޮށްފައިވާ ފަތުރުވެރިއެކެވެ.

އަދި އެމްއެންޑީއެފް އިންވެސް ވަނީ އެ ރިސޯޓަށް ދަތުރުކޮށްފައެވެ.