އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަނާޅާ ކަމަށާއި މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ މެއިލް މެދުވެރިކޮށް މައްސަލަ ހުށަހަޅަން އަންގާފައިވާ ކަމަށް ސިވިލް ކޯޓުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ސިވިލް ކޯޓަށް ވަޑައިގަތީ ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އެ ކޯޓަށް މައްސަލައެއް ހުށަހެޅުމަށެވެ. އެކަމަކު ކޯޓު ހުންނަ ޖަސްޓިން ބިލްޑިން އިމާރާތް ކައިރީ ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވީ މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ރަޖިސްޓްރާ އަބްދުލްސަލާމް "ވަގުތު" އަށް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވި ފަހުން އެ ކޯޓުގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން މައްސަލަތައް ބަލައިގަންނަނީ މެއިލް މެދުވެރިކޮށް ކަމަށެވެ. ކޯޓަށް އައިސް މައްސަލަ ބަލައިގަންނަ ގޮތަށް މިހާރު ނުއޮންނަ ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް ސިވިލް ކޯޓަށް މެއިލް މެދުވެރިކޮށް އިދިކޮޅު ކޯލިޝަންގެ ފަރާތުން މައްސަލައެއް ލިބިފައިނުވާ ކަމަށް ރަޖިސްޓްރާ ވިދާޅުވިއެވެ. އަދި އެ ކޯޓަށް ދެ ޕާޓީގެ އިސް ބޭފުޅުން ވަޑައިގަތުމުން އެ ގޮތަށް މައްސަލަ ބަލައިގަނެވެން ނެތް ކަމާއި މެއިލް މެދުވެރިކޮށް މައްސަލަ ބަލައިގަންނަން އެންގެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެފައި ވާތީ ދަތުރުފަތުރު ކުރުން ކޮންމެވެސް ވަރަކަށް ހިފަހައްޓައި، ކަރަންޓީނު ވުމުގެ އުސޫލުތަކެއް އެކުލަވާލާފައި އޮންނާތީ މާލޭގައި ތިބި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނަށް ރާއްޖޭގެ ރަށްރަށަށް ދަތުރު ނުކުރެވޭތީ އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުން އިތުރަށް ބޮޑުވެފައިވާ އަނެއް ސަބަބަކީ ދައުލަތުގެ ފަރާތުން ބާއްވާ އެކި ރަސްމިއްޔާތުތަކަށް ރަށްރަށަށް ސަރުކާރުގެ އިސް ބޭފުޅުންނަށް ވަޑައިގަނެވޭތީއެވެ. އެއީ އެޗްޕީއޭއިން ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުންނަށް ކަނޑައަޅާފައިވާ އޮންނަ ޚާއްސަ އުސޫލެއްގެ ތެރެއިންނެވެ.

ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވަމުން ގެންދަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ވެސް ކުރައްވައެވެ.