އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އެ ބިލް ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެ ބިލުގައި އެންމެ ފުރަތަމަ އިންތިހާބާ ގުޅޭ ވަރަށް ގިނަ މުއްދަތުތައް ކުރު ކުރާ ގޮތަށް އޮތެވެ. މި ގޮތުން ކެމްޕޭން ކުރުމަށް ހުޅުވާލާ މުއްދަތާއި، ރީރަޖިސްޓްރޭޝަނަށް ހުޅުވާލާ މުއްދަތާއި، ވޯޓުލާ މީހުންގެ ނަންތައް ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި، ކެންޑިޑެސީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެކަމަކު ކޮމިޓީއިން ބިލު ދިރާސާ ކުރުމަށް ފަހު ވަނީ އެ މާއްދާ އުވާލުމަށް ނިންމައި އެ ގޮތަށް ބިލް އެކުލަވާލާފައެވެ. އެ ގޮތަށް ކޮމިޓީއިން ފާސްކުރީ ވެސް އެކަމާ ގުޅިގެން މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ފާޑުވިދާޅުވެފައިވަނިކޮށެވެ. އެ ކޯލިޝަންގައި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، އިންތިހާބުގެ މުއްދަތުތައް ކުރުކުރުމަކީ މުޅި އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބި ފަހުން ޝަރުއީ ކޯޓެއްގައި ދައުވާ ކުރެވޭނެ ކަމެކެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، އެ ކޮމިޝަންގެ ކަންބޮޑުވުމުގައި ހުރި ބައެއް ކަންކަމަށް ވެސް ރިއާޔަތް ކުރުމަށް ފަހު ބިލަށް ބައެއް އިސްލާހުތައް ގެނެސްފައިވެއެވެ.

މި ގޮތުން ވަގުތީ ގާނޫނުގައި ބުނާ ގޮތުން މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. ކޮމިޓީ މަރުހަލާގައި އެ މާއްދާ އިސްލާހު ކޮށްފައިވެއެވެ. އެއީ އެ މުއްދަތުގައި އިންތިހާބު ބޭއްވުމަށް ހުރަސް އެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް މަޖިލީހަށް އީސީއިން އަންގަން ވާނެ ކަމަށް ބަޔާން ކުރާ ގޮތަށެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތުވުމުންނެވެ. ދެން މި އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީސީއިން ވަނީ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ނިންމައިފައެވެ.

އީސީއިން ވިދާޅުވާ ގޮތުގައި އިންތިހާބު ބޭއްވެން އޮންނާނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއް ވެސް ދެވޭ ގޮތަށެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު އެ ފުރުސަތު ހުޅުވާލާ ގޮތަށް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ. އެކަމަކު އެ ގޮތަށް ކުރިއަށް ދާނީ ވެސް މަޖިލީހުގައި މިހާރު އޮތް ބިލް ފާސްކޮށްގެން ކަމަށް އީސީއިން ވިދާޅުވެއެވެ.

ބަލިމަޑުކަމުގެ ހާލަތެއްގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އާ ނިޒާމުގެ އިންތިހާބަކާ ކުރިމަތިލާއިރު ކަންބޮޑުވުން ހުރި އެތައް ކަމެއް ވެސް އެބަ އޮތެވެ. ސިއްހީ ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު ކެމްޕޭން ކުރާނެ ގޮތާއި އިންތިހާބުގެ ވޯޓު ލުމާއި އެހެނިހެން ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލަން ބިލުގައި ހިމަނާފައިވެއެވެ. އެކަމަކު އެފަދަ ގައިޑްލައިނެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެކީގަ

    އެމް.ޑީ.ޕީ އޮޑި ހުރިހާ ކަޑަކަށް ހެޔޮވަރުވާނެ. ޢެހެން ޕާޓީތަކުގެ އޮޑި ނުދުއްވުމަކީ އެމް ޑީ ޕީ ގެ ކުށެއް ކަމަށް ނުދެކެން

    2
    2