ދިވެހިރާއްޖޭގެ މީޑިއާތަކުގެ ހަމަހަމަކަން ޤާއިމްކުރުމަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް އިސްމާޢީލް ސަފްވާން ކުރައްވަމުންގެންދަވާ މަސައްކަތަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ތައުރީފު ކުރައްވައިފިއެވެ.

މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހު ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމަށް އައްޔަންކުރެވުނު ސަފްވާނަކީ، ރާއްޖޭގެ މީޑިއާތައް ހިންގުމުގެ މިނިވަންކަމާއި ހަމަހަމަކަން ޤާއިމްކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މިކަން ފާހަގަކުރައްވައި މެމްބަރު ޔާމީން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މީޑިއާގެ ހަމަހަމަކަން ޤާއިމްކުރެއްވުމަށް ބްރޯޑްކޮމްގެ ނައިބު ރައީސް ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާ މަސައްކަތަށް "ސެލިއުޓް" ކުރައްވާ ކަމަށެވެ.

ޔާމީން މިގޮތަށް ވިދާޅުވެފައި މިވަނީ، އެކި ކުށްތަކުގެ ސަބަބުން ހުކުމް ތަންފީޛު ކުރަމުންދާ ގައިދީންގެ ވީޑިއޯ ބްރޯޑްކާސްޓު ނުކުރުމަށް ބްރޯޑްކޮމް އިން މީޑިއާތަކަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތަށް ބްރޯޑްކޮމް އިން އަންގާފައިވަނީ، ބައެއް މީޑިއާތަކުން ޤާނޫނާއި ޚިލާފުވެ ވަޑައިގެންފައިވާ، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގައިދީންނާއި އެނޫންވެސް ބޭފުޅުން ޕްރޮމޯޓުކޮށް، ހަޤީޤަތާއި ޚިލާފު ވާހަކަ ފަތުރައި، ހަމަނުޖެހުން ހިންގުމަށް މަގުފަހިވާފަދަ އެކިއެކި ވާހަކަތަކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ،

ބްރޯޑްކޮމްގެ ނައިބު ރައީސް ސޮފްވާން "ވަގުތު" އަށް ވިދާޅުވީ ގައިދީންގެ ވީޑިއޯ ބްރޯޑްކާސްޓު ނުކުރުމަށް ނިންމީ، ގައިދީން ޕްރޮމޮޓް ކުރަމުންދާތީ މިހާރު، ކޮންމެހެންވެސް ފިޔަވަޅު އަޅަން ޖެހޭކަމަށް ފެންނާތީއެވެ. އަދި، މިފަދަ ޙާލަތެއް ދިމާވެދާނެކަމަށް ބަލައި ކުރިންވެސް އެކަމަށް ކޮމިޝަން އެކަމަށް ތައްޔާރުވެފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރޯޑްކޮމްއަކީ ޤާނޫނީ ގޮތުން ރާއްޖޭގައި ބްރޯޑްކާސްޓުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައިވާ ފަރާތެވެ.

މެމްބަރު ޔާމީން ބްރޯޑްކޮމްގެ ނައިބު ރައީސްއަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފައި މިވަނީ، ބްރޯޑްކޮމްގެ ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ އިންޒާރުތައް ސަރުކާރުގެ އިސް ފަރާތްތަކާއި، ބްރޯޑްކޮމްގެ މެމްބަރުންގެ އިތުރުން އެ ކޮމިޝަންގެ ނިންމެވުމަށް ތާއީދުކުރައްވާ ފަރާތްތަކަށް އަމާޒުވެ ބިރު ދެއްކުމުގެ އެކި ޢަމަލުތައް ހިންގަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މެމްބަރު ޔާމީނަކީ މީޑިއާގެ ދާއިރާގައި މީގެ ކުރިން ގިނަ މަސައްކަތް ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.