ގއ. ދާންދޫ އިން ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ ބިރުވެރިކަން އިތުރުވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދު "ވަގުތު" އަށް ވިދާޅުވީ މިހާތަނަށް އެ ރަށުން ނުވަ މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށާއި އިތުރު މީހުން ވެސް އެ ރަށުން ފައްސިވުން ގާތް ކަމަށެވެ. އަދި ރަށުގެ ހާލަތު މިހާރު އޮތީ ބިރުވެރި ފައްތަރެއްގައި ކަމަށްވެސް އިސްމާއީލްް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަދިވެސް ޕޮޒިޓިވް ވޭދަނަ (ކޭސް)ތަކެއް ފެންމަތިވަމުން އަންނަ ކަަމަށާއި އެ ވޭދަނަތަކުގެ މައުލޫމާތު އަދި މުޅިން ޔަގީންކުރެވިފައި ނުވުމުގެެ ސަބަބުން އާންމު ނުކުރެވޭނެ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އިއްޔެ ދާންދޫ އިން ވަނީ އިތުރު މީހަކު މި ބައްޔަށް ފައްސިވެފައެވެ. މިދިޔަ އާދީއްތަ ދުވަހު އެރަށުން ވަނީ ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެފައެެވެ.

"އެެންމެ ފުރަތަމަ މިރަށުން ޕޮޒިޓިވް ވި ދެމީހުންގެ އިތުރަށް ވިލިނގިލިންވެސް އަދި ހުޅުމާލެއިންވެސް މި ބައްޔަށް މީހުން ޕޮޒިޓިވް ވި. އަދި މިއަދުވެސް މި އުޅެނީ އެކަހަލަ ހަބަރުތަކެއް ލިބިގެެން" އިސްމާއީލް ވިދާޅުވިއެވެ.

ދާންދޫ އިން މިހާރު ފައްސިވަމުން އަންނަނީ ގއ ދެއްވަދޫ އިހާ (ކްލަސްޓާ) އާއި ގުޅިގެެންނެެެވެެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު އޮތް ހާލަތާއަޅާ ބަލާއިރު އެެރަށުގެ ރައްޔިތުން އަމަލުކުރަމުން އަންނަ ގޮތް ވަރަށް ރަނގަޅު ކަމަށާއި، ކައުންސިލްގެ އެންގުންތަކާއި އެޗްޕީއޭގެ އެންގުންތަކަށް ރައްޔިތުން ފުރިހަމައަށް ތަބާވާކަމަށް ފާހަގަކުރެވޭ ކަމަށެވެ. އިއްޔެ ފައްސިވި މީހާ އާއި ގުޅިގެން މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ނިންމާލެވިފައއިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުގައި މިހާރު ދެއްވަދޫ އިހަލާއި ގުޅިގެެން ކަރަންޓީނުގެ ހާލަތުގައި ހުރީ 52 ގެއެކެވެ. މާލެެއިން މީހުން އައިސް އެރަށުގެ 10 ގެއެއްގައި މީހުން ކަރަންޓީނުވެގެން އެބަތިއްބެވެ.