ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅު ޕްރޮޮގްރެސިވް ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބަށް ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ސިވިލް ކޯޓަށް ހުށަހަޅަން އުޅުނު މައްސަލަ އެ ކޯޓުން ބަލައިނުގަތް ކަމަށާއި އެ މައްސަލަ ބަލައި ނުގަތް ސާފު ނުވާ ކަމަށް އިދިކޮޅުން އިއްޔެ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ފަހުން އެ މައްސަލަ ބަލައި ނުގަތީ މިހާރު މައްސަލަތައް ބަަލައިގަންނާނީ އޮންލައިންކޮށް ކަމަށް ނިންމާފައިވާތީ ކަމަށް ހައިކޯޓުން އަންގާފައި ވާތީ، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އޮންލައިންކޮށް އެ މައްސަލަ ހުށަހަޅާފައެވެ. އަދި މިއަދު ހެނދުނު ކޯޓުން އެ މައްސަލަ ބަލައިގަނެފައިވާ ކަން "ވަގުތު"އަށް ވަނީ ޔަގީންވެފައެވެ.

މިދިޔަ ހަފްތާގައި ވެލިދޫގައި ޕީޕީއެމް އާއި ޕީއެންސީން ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވަނީ އިދިކޮޅު ޕާޓީތަކަށް ކެމްޕެއިން ކުރުމަށް ފުރުސަތު ނުލިބޭ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި މިހާރު އޮތް ކޮވިޑް-19އިގެ ބަލިމަޑިކަމުގެ ހާލަތުގެ ބޭނުން ސަރުކާރުން ސިޔާސީ ބޭނުމަށް ހިފާކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

"ވަގުތު" އަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރު ކޮށްދިން ގޮތުގައި ކެމްޕޭން ނުކުރެވޭ މައްސަލަ މާދަމާގެ ވަގުތެއްގައި ހައިކޯޓަށް އެ މައްސަލަ ހުށަހަޅަން އިދިކޮޅުން އަންނަނީ ތައްޔާރުވަމުންނެވެ.

ޕީޕީއެމް އަދި ޕީއެންސީއިން މިފަދަ މައްްސަލައެއް ހުށަހަޅަން ތައްޔާރުވަމުން ދާއިރު މާލޭގައި ވެސް އިދިކޮޅު ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭ ކަމަށް ބުނެ އެ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާ އާއި އެ ނޫންވެސް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ކަމާއި ބެހޭ ފަރާތްތަކުން ދިން ނަމަވެސް އިދިކޮޅު ކޯލިޝަންގެ އެއްވުންތައް ރޫޅާލާ މައްސަލަ އިދިކޮޅުން ފާހަގަ ކުރެއެވެ.

ސިޔާސީ ހަރަކާތްތައް ހިންގަން ހަަމަ ހަމަ ފުރުސަު ނުދޭތީ ފުލުހުންނާއި، އިލެކްޝަންސް ކޮމިޝަން އަދި އެ ނޫނަސް ކަމާއި ބެހޭ އެހެނިހެން މުއައްސަސާތަަށް އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން ދާދިފަހުން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރުމުގެ ތެރޭގައި އެ މީހުންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މުޒާހަރާގެ ބައިވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، އެ މައްސަލަ ބެލުމަށްޓަކާ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަން ފުލުހުން ވަނީ ގޮވާލާފައެވެ. ޕީޕީއެމްގެ ލީގަލް ޓީމުން ދަނީ މިހާރު އެ މައްސަލަ ހުށަހަޅަން އެއްކުރަން ޖެހޭ މައުލޫމާތުތައް އެއްކުރަމުންނެވެ.