ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވި ގއ. ދެއްވަދޫން އިތުރު ބަޔަކު ފައްސިނުވާތާ ތިން ދުވަސް ވާން ކައިރިވެފައިވާ ކަަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ދެއްވަދޫގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، އެރަށުގެ ހާލަތު މިހާރު ވަރަށް ރަނގަޅު ކަމަށާއި، އެރަށުން އިތުރު ވޭދަނަތަކެއް ނުފެނި ތިން ދުވަސް ވެފައިވާ ކަމަށެވެ.

މިހާރު އެރަށުން 63 ގެ ހުރީ ކަރަންޓީންކޮށްފައެެވެ.

އަދި މިހާތަނަށް އެރަށުން 57 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.

ތައުފީގް ވިދާޅުވީ، އެރަށް ފުރަބަންދު ކުރި ފަހުން ގެއިން ބޭރަށް މީހުން ނުނިކުންނަ ކަމަށާއި، ގެއިން ބޭރަށް ނުކުމެ ގަވާއިދާއި ހިލާފަށް އުޅޭކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"ވަރަށް ރަނގަޅު ހަމަ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައްޔިތުން ގޭގައި މަޑުކޮށްލައިގެން އެ ތިބީ،" ތައުފީގް ވިދާޅުވިއެވެ.

ދެއްވަދޫން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ.

ދެއްވަދޫ ވޭދަނަތަކާއި ގުޅިިގެން ގއ. އަތޮޅުގެ ބައެއް ރަށްތަކުގައި ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެގޮތުން މިހާތަނަށް މި އިހާއާ ގުޅޭ 70 އަށްވުރެ ގިނަ ވޭދަނަތައް އެ އަތޮޅުގެ ރަށްތަކުން ފެނިފައި ވެއެވެ. މި ވޭދަނަތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި، ދެއްވަދޫ، ގއ. ވިލިނގިލި އަދި ދާންދޫ ހިމެނެއެވެ. މީގެ އިތުރުން، މި އިހާއާ ގުޅޭ މީހަކު ހުޅުމާލެއިންވެސް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު