މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު) އާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ، އައިންތު އަށް ތައުރީފް ކުރައްވައިފިއެވެ.

އައިންތުގެ ކާރަށް ގެއްލުން ދޭ މައްސަލަ މީގެކުރިން އެތައް ފަހަރެއްގެ މަތިން ވަނީ ފެންމަތިވެފައެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ކާރު މަރާމާތު ކުރުމަށް ފަހު، އާންމުންނަށް ހިދުމަތް ދިނުމަށް އައިންތު ނުކުންނަނީ ވަރަށް ހިތްވަރާ އެކުގައެވެ.

އޭނާގެ އެ ހިތްވަރަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލައެއްގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. މީހެއްގެ މުދަލަށް ގެއްލުން ދިން މައްސަލައިގައި ދައުވާ ކުރީ ގ. އާފަތިސްގެ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ.

އެމީހާގެ މައްޗަށް ދައުވާ ކުރީ ޑްރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައާ ގުޅިގެންނެވެ.

އެ ހަބަރާ ގުޅިގެން އިނގިރޭސި ސަފީރު އައިންތު އަށް ހިތްވަރު ދެއްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިންތުގެ ފަރާތުން ފެނިގެން ދަނީ ވަރުގަދަ އަޒުމަކާއި ހިތްވަރެއްގައި ހުރި މަންޒަރު ކަމަށެވެ.

"ބިރުދެއްކުމުގެ ތެރެއިން ކުރިއަށް ދިއުމަށް އާދަޔާހިލާފު ހިތްވަރެއް ބޭނުން ވާނެ. އަހަރަމެން ކުރާ ކަމެއް ކުރަނީ އެކަން ކުރާ ހިތްވާތީ. ހިތުގައި އެކަމަށް އޮންނަ ލޯތްބެއްގެ ބޮޑު ކަމުން،" ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އެންމެ ފަހުން އައިންތުގެ ޓެކްސީ އަށް ގެއްލުން ދިނުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެހީތެރިކަމާއި އެކު އޭނާގެ ކާރު ވަނީ ހަދާފައެވެ.

އައިންތު ކުރިން ބުނީ އޭނާގެ ޓެކްސީ އަށް ގެއްލުންދޭ މައްސަލައަށް ދާއިމީ ހަައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އައިންތު އަކީ މާލޭގައި ޓްކެސީ ކުރާ ހަމަ އެކަނި އަންހެން ޑްރައިވަރު ކަމަށްވާއިރު، އޭނާ އެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޚިކްމަތުޔާރު

  ގޮތްކުޑަ އަންހެނެއް..

  8
  19
 2. އައިން ތު

  ބައްދަލު ކުރަން އަންނަ އިރު އެޗްޕީއޭ ގެ ގައިޑު ލައިިން ފުރިހަމަ ކޮށްގެން އަންނައްޗޭ

  8
  1
 3. ނޫރީ

  އައިންތު އަކީ ހިތްވަރުގަދަ ކެރޭ މުރާލި ކަނބަލެއް.. އަދި ވ މޮޅު ކެއްކުންތެރި ޝެފެއް.. މީގެ 21އަހަރު ކުރިން އަޅުގަނޑާއި ދިމާވެ ކެފޭގަ ޝެފެއްގެ މަސައްކަތްކުރެއްވި.. ހީވާގި މުރާލި ކެރޭ ދިވެހި ދަރިއެއް...

  10
  2