ޖަރުމަން ލީގުގައި ވަރުގަދަ ބޮރޫޝިއާ ޑޯޓްމަންޑް 2-1 ގެ ނަތީޖާއަކުން ބަލިކޮށް ލީގު ތާވަލުގެ ދެވަނައަށް ބަޔާން ލެވަކޫސަން ޖެހިލައިފިއެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދާފައިވަނީ އެޓީމުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލެވަކޫސަން އިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މޫސާ ޑިއާބީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ޑޯޓްމަންޑް އިން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫލިއަން ބްރަންޓް އެވެ. ޑޯޓްމަންޑާއި ހިލާފަށް ލެވަކޫސަން މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އަދި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައްވެސް އުފައްދާގައިވަނީ ލެވަކޫސަން ކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ލެވަކޫސަން މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ 80 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވާޓްޒްއެވެ. މި ލަނޑަށްފަހު ވެސް ލީޑު ފުޅާކުރުމަށް ލެވަކޫސަން އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ފުރުސަތެއް ގޯލާއި އަމާޒުކުރެވިފައެއް ނުވެއެވެ.

މި މޮޅާއެކު ލެވަކޫސަން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމު ތާވަލުގެ ދެވަނައަށް ޖެހިލާފައިވަނީ ކުޅުނު 17 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. ލެވަކޫސެން އަތުން ބަލިވި ޑޯޓްމުންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި 17 މެޗުން 29 ޕޮއިންޓާއެކުއެވެ.