ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ރިޔާސީ ގަނޑުވަރު މުލިއާގެ ކައިރީގައި އައިއީޑީއެއް ބާއްވައި ގޮއްވާލަން އުޅުނުކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހ. މިޓާޒް، ތަލްހަތު މުހައްމަދު 17 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ދެހާސްފަނަރަ ވަނަ އަހަރު ހިނގި މި ކަންތަކާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. މި ގޮތުން އައިއީޑީ ބާއްވައިގެން ހއ. ހޯރަފުށީ، އާރޯ، އަހުމަދު މަމްދޫހުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރިއެވެ. ދެން ތިބި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި، ތ. ތިމަރަފުށި، ވިލާ، ޒިހާން މުހައްމަދު އަދި ތަލްހަތު މައްޗަށް ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

މަމްދޫހުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހިމެނޭ މަމްދޫހަށް ކުރި ހުކުމްގެ ބައި ބާތިލްކޮށް ހުކުމްކޮށްފައެވެ. އޭގެ އެއް ސަބަބަށް ހުކުމުގައި އޮންނަނީ ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުނުކޮށް، އަދި ކޮންމެހެން ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ނުކޮށް އަދި ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުނުކޮށް ކޮށްފައިވާ ތަހުގީގެއްގެ މައްޗަށް މަމްދޫހަށް ހުކުމް ކުރުން ކަމުގައެވެ.

މި މައްސަލަ ތަލްހަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ، މަމްދޫހުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ތޮލްހަތުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ވެސް އެއް ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަން ފާހަގަކޮށެވެ. ހައި ކޯޓުން، މަމްދޫހުގެ މައްޗަށް ނިންމާފައިވާ ގޮތަށް ތަލްހަތުގެ މައްޗަށް ހައި ކޯޓުން ނިންމާފައި ނުވުމަކީ އެ މައްސަލަ ރަނގަޅަށް ބަލާފައި ނުވުން ކަމަށް ވެސް ފާހަގަކޮށެވެ.

މި މައްސަލައިގައި ތަލްހަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކޮށްދެއްވަނީ ގާނޫނީ ވަކީލް މަހްފޫޒު ސައީދެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައުލަތް ތަމްސީލް ކުރައްވަނީ ޕަބްލިކް ޕްރޮސިކިއުޓާ މުހައްމަދު އާލިމް އަބުދުﷲ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯގޯސް

    ކޮން ކަހަލަ ސަޅި ސުރުހީއެއް މިއޮތީ ލޮލް

  2. އަލްޖިބްރާ

    ޔާމީނުގެ ވެރިކަމުގައި އެހުމެއް ކެހުމެއް ނެތި ހުކުމް ކަޑައެޅި ކިތަށް މީހުން އެބަތިބި ބާ ؟

    2
    12