ރެޑްވޭވަށް ދައްކަން ޖެހޭ އެކާވީސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކައިގެން، ކުރީގެ މަޝްހޫރު ގޯލްޑަން ލޭންޑްގެ ވެރިޔާ، ހިތަދޫ ހިރުދުމާގެ، އަޙްމަދު ސާބިގު އެއް މަސް ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާ ރެޑްވޭވްއަށް ދައްކަން ޖެހޭ 21,282,000ރ. (އެކާވީސް މިލިއަން ދެލައްކަ އަށްޑިހަދެހާސް ރުފިޔާ) ގެ ތެރެއިން މިހާތަނަށް އައިއިރު އެއްވެސް މިންވަރަކަށް ފައިސާ ދައްކާފައި ނުވާކަން ދެފަރާތުގެ ބަހުން ޝަރީއަތަށް އެނގެން އެބަ އޮތް ކަމަށް އެ ހުކުމްގައި ވެއެވެ.

އަދި މިއީ އެ ހުކުމާއިއެއްގޮތަށް ފައިސާ ނުދައްކައިގެން އެ މައްސަލާގައި ސާބިގް އާއިމެދު ފިޔަވަޅުއަޅާ ފުރަތަމަ ފަހަރުކަމަށާއި، އެހެންކަމުން "ރަހުނެއް ނުހިމެނޭ ސާބިތުދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު" ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން ސާބިގު އެއް މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް އެހުކުމްގައި ވެއެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ އައިރު ހާޒިރުގައެވެ. އަދި އޭނާގެ މައްޗަށް އެ ހުކުމަށް އިހްތިރާމު ކުރުމަށް އަންގާފައި ވެެއެވެ.