ފުވައްމުލަކު ދަނޑިމަގި ކިޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފިއެވެ.

އެ ސަރަހައްދުގެ ހުއިތަކެއްގައި ރޯވެފައި ވަނީ މިއަދު 11:24 ހާއިރު އެވެ.

އެ ސަރަހައްދުގައި ވަރަށް ބޮޑަށް ރޯވިއެވެ. އެ ރޯވި އަލިފާންގަނޑު ނޭޗާ ޕާކް ބަލަހައްޓާ ފަރާތްތަކުންނާއި، ސިފައިންގެ މަސައްކަތުން ނިއްވާލާފައި ވަނީ މިއަދު 17:05 ހާއިރު އެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއީ ކިހިނެއް ވެގެން ރޯވި އަލިފާގަނޑެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެހެން ނަމަވެސް ބެލެވޭގޮތުގައި ދަނޑު ހައްދަން އުޅުނު ބަޔަކު ތަން ސާފް ކުރުމަށް އެތަނުގައި ރޯކޮށްލި ގަޑީގައި ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިގަތީ އެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ނޭޗާ ޕާކުގެ އޮފިޝަލަކު ވިދާޅުވީ, ވާރޭ ނުވެހި ގިނަ ދުވަސްވުމުން މި ސަރަހައްދަކީ ވަރަށް ހިކިކޮށް އޮންނަ ސަރަަހައްދެއް ކަމަށާއި, އެހެންވެ ވަރަށް ފަސޭހައިން ރޯވެ ފެތުރިގެން ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން އަލިފާން ރޯނުކުރުމަކީ އެދޭ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.